މިދިޔަ މެއި މަހަށްފަހު ގާޒާގައި އެހީ ހޯދަން ނުކުތް 1،760 މީހަކު ޝަހީދުކޮށްލައިފިއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާއިން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޕަލަސްތީނުގެ ގާޒާގައި އެހީގެ ސާމާނު ބަހާ ސަރަހައްދަށް އެހީ ހޯދުމަށް އެއްވި މީހުންނަށް އިސްރާއީލުން އެކި ފަހަރުގެ މަތިން ވަނީ ހަމަލާދީފައެވެ. އެގޮތުން މިހާތަނަށް މެއި މަހުގެ ފަހުން 1،760 މީހަކު ޝަހީދުވެފައިވާ ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައެވެ.

ގާޒާގެ އޮފިޝަލުން ބުނެފައިވާގޮތުގައި އެހީގެ ސާމާނު ހޯދުމަށް އެއްވި މީހުންނަށް އިއްޔެ ދިން ހަމަލާގައި ވެސް 23 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުގެ މިލިޓަރީ އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނީ އިސްރާއީލުގެ މިލިޓަރީއަށް އެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގަޒާގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިކޮށްފައިވާ އިރު، ގާޒާގެ އަސްލު ހާލަތު ހޯދުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މިދިޔަ ބުދަ ދުވަހު އިސްރާއީލުގެ މިލިޓަރީން ވަނީ ގާޒާގައި ހިންގަމުން އަންނަ މިލިޓަރީ ހަރަކާތްތައް އިތުރުކޮށް އޮޕަރޭޝަން ފުޅާކުރަން ނިންމައިފައެވެ.