ބ. ދަރަވަންދޫގެ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތުގެ ބިންގާ އަޅައިފިއެވެ.

އެ މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިން ދަރަވަންދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ދަރަވަންދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް އަދި އެރަށު ކައުންސިލް ރައީސްއެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަން ނެތްކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. ރައްޔިތުން އެދޭ ގޮތަށް ރައީސް މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހޯމްލޭންޑް މިނިސްޓަރު އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްކުރާނެ ކަމަށެވެ.