ލޯކޭޝް ކަނަގަރާޖްގެ ފިލްމު 'ކޫލީ' އަކީ ރަޖިނީކާންތު ކުޅެފައިވާ، މި އަހަރު އެންމެ އުންމީދު ކުރެވޭ އެއް ފިލްމު ކަމަށް ހަބަރުތައް ބުނެއެވެ. މި ފިލްމުގެ ޓިކެޓް ހޯދަން އިންޑިއާގެ އިތުރުން ބޭރުގެ ގައުމުތަކުގައި ވެސް ސަޕޯޓަރުން ތިބީ އިންތިޒާރުގައެވެ. މުވައްޒަފުންނަށް ފިލްމު ބެލޭނެ ގޮތް ހަދަން ކުންފުނިތަކުން އަންނަނީ އޮފީސްތައް ބަންދުކޮށް ޗުއްޓީ ވެސް ދެމުންނެވެ.

މަޑުރައިގެ ޔޫނޯ އެކުއާ ކެއާ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، އެޗްއާރަށް ޗުއްޓީއަށް އެދޭ ކަރުދާސް ގިނަވިޔަ ނުދިނުމަށްޓަކައި އޯގަސްޓު 14 އެއީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ކުންފުނިން މުވައްޒަފުންނަށް 'ކޫލީ' ގެ ޓިކެޓުވެސް ހިލޭ ނަގައިދިންއިރު، މުސްކުޅީންގެ ހިޔާއަކާއި ޔަތީމު ކުދީންގެ ހިޔާއަކަށް ކާނާގެ އެހީވެސް ދޭން ވަނީ ނިންމާފައެވެ.

ޗެންނާއީގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ 'ކޫލީ' ބެލުމަށް ޗުއްޓީއަށް އެދުމުން، ޗުއްޓީ ދިނުމުގެ އިތުރުން މުޅި ޓީމު އެކީގައި ފިލްމު ބަލަން ނިންމާފައިވާ ކަމަށެވެ.

ސިންގަޕޫރުގައި ވެސް މިކަން ވަނީ އާދަޔަކަށް ވެފައެވެ. ފާމަރ ކޮންސްޓްރަކްޝަންސް ޕީޓީއީ އެލްޓީޑީން ވަނީ އެ ކުންފުނީގެ ހުރިހާ ތަމަޅަ މުވައްޒަފުންނަށް މުސާރަ ލިބޭ ޗުއްޓީއެއް ދީ، 'ކޫލީ' ގެ ހިލޭ ޓިކެޓަކާއި، ހަރަދުތަކަށް 30 ސިންގަޕޫރު ޑޮލަރު ދޭން ނިންމައިފައެވެ. އަދި އެސްބީ މާޓް ޕީޓީއީ އެލްޓީޑީ އިން ވެސް ވަނީ އޯގަސްޓު 14 ވަނަ ދުވަހު ހެނދުނު 7:30 އިން 11:00 އަށް އެ ކުންފުނީގެ ފިހާރަ 'ކޫލީ' ރިލީޒްވުމާ ގުޅިގެން ބަންދުކުރާނެ ކަމަށް އަންގައިފައެވެ.

ސަޕޯޓަރުން 'ކޫލީ' އަށް ތައްޔާރުވެފައި ތިބިއިރު، ބައެއް ކުންފުނިތަކުން ވެސް މި ފިލްމުގެ މަގުބޫލުކަން ބޭނުންކޮށްގެން އެ ކުންފުނިތަކުގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކުރެއެވެ. ވާސަންތް އެންޑް ކޯ ނަމަކަށް ކިޔާ ކުންފުންޏަކުން ސޯޝަލް މީޑިއާގައި 'ކޫލީ'ގެ ޓިކެޓް ކޮންޓެސްޓެއް ހިންގާފައިވާއިރު، މަދޫރާއިގެ 1947° އެފް ގޯލްޑް ސްމިތު ނަމަކަށް ކިޔާ ޖަވާހިރު ފިހާރައަކުން 'ކޫލީ' ގެ ބަސްތައް ކަނޑާފައިވާ ރަން އަނގޮއްޓިއެއް ހަދައި، އޭގެ ވީޑިއޯއެއް އާންމުކޮށްފައިވެއެވެ.

'ކޫލީ' ގައި ރަޖިނީކާންތު، ނާގާރުޖުނާ، ސާތިޔާރާޖް، ސައުބިން ޝާހިރް، އުޕެންދްރާ، ޝްރޫތީ ހާސަން އަދި އާމިރު ޚާން ފަދަ ތަރިން ހިމެނޭއިރު، މި ފިލްމު ތިއޭޓަރުތަކަށް ނެރޭނީ މިއަދު ގައެވެ.