ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ ބ. ހަނިފަރު ބެލެހެއްޓުން ބ. ދޮންފަނު ކައުންސިލާ ހަވާލުކޮށްދޭން އެ ރަށު ކައުންސިލުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެއެވެ.

ރައީސް މުއިއްޒު މިވަގުތު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ދޮންފަނަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ރަށު ކައުންސިލް ރައީސް އަހުމަދު އިރުޝާދު ވިދާޅުވީ ހަނިފަރަކީ ދޮންފަނު ރައްޔިތުންނަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ. އެއީ ދޮންފަނު ރައްޔިތުންނަށް 'ޖަވާހިރެއް' ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންފަނުގެ އިތުމަތީ ފަރާތުގައި އޮންނަ ހަނިފަރު ބެލެހެއްޓުން އެ ރަށާ ހަވާލުކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުގައި އެދުނު ނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރަކުން އެކަން ކޮށްދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދޮންފަނު ރައްޔިތުން އެދޭ އެންމެ ބޮޑު އެއް އެދުމަކީ ހަނިފަރު، ދޮންފަނުގެ އިހުތިސޯސްގައި ހިމަނައިދިނުމަށް ނުވަތަ ހަނިފަރު ބެލެހެއްޓުން ދޮންފަނު ކައުންސިލާ ހަވާލުކުރުން. ދޮންފަނަކީ ކުޑަ ރަށަކަށް ވުމުން ދޮންފަނުގެ އަޑު ނާހާ ބާކީކޮށްލެވޭތަން އަބަދުވެސް ފެނޭ،" އިރުޝާދު ވިދާޅުވިއެވެ.

އިރުޝާދު ވިދާޅުވި ގޮތުގައި ހަނިފަރާ އެންމެ ކައިރިން މީހުން ދިރިއުޅޭ ރަށަކީ ދޮންފަނު ކަމަށްވުމުން، އެތަން ބެލެހެއްޓުން އެންމެ ރަނގަޅުވާނީ ވެސް އެ ރަށެވެ.

މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް ނަގައެވެ. އެ ތަނަށް ފީނާ ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.