ޒުވާނުން ބާރުވެރިކޮށް، ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީ (އެމްއައިޓީ) އާއެކު އެޗްޑީސީން، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހްމަދު މުހައްމަދު އެވެ. އެމްއައިޓީގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.

އެއް އަހަރު ދުވަހުގެ މި އެމްއޯޔޫގެ ދަށުން، އަންހެނުންނާއި ޒުވާނުން، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމުގެ ޕްރޮގުރާމުތައް އެމްއައިޓީއާ ގުޅިގެން ކުރިއަށްގެންދާނެއެވެ. އެގޮތުން، އަލަށް ސްކޫލް ނިންމައި ނުކުންނަ ދަރިވަރުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުމަށް ކެރިއާ ގައިޑެންސް ޕްރޮގުރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޒުވާނުންނާއި އަންހެނުންނަށް ހާއްސަކޮށް، ޑޮމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގުރާމްތަކާއި މޮޓޯ ސައިކަލް ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމްތަކުގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން، ވީލްޗެއާ ރިޕެއާ އެންޑް މެއިންޓެނެންސް ޕްރޮގުރާމުތައްވެސް މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެއެވެ.

ޒުވާނުންނަށް ހާއްސަކޮށް ކެރިއާ ގައިޑެންސް ދިނުމަށް އެޗްޑީސީން އިސްނަގައިގެން މިފަދަ ޕްރޮގުރާމުތައް އަބަދުވެސް އަންނަނީ ހިންގަމުންނެވެ.