ރަނގަޅު މެނޭޖްމަންޓު ޕްލޭނަކާއެކު ރަށަށް ފައިދާވާނެ ގޮތަށް ބ. ފުޅަދޫއާ ކައިރީގައި އޮންނަ އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ތަރައްގީގައި މިހާރު އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޓޫރިޒަމް ދާއިރާ ކަމަށާއި ފުޅަދޫއަކީ ވެސް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެއް ކަމަށެވެ.
ފުޅަދޫ ކައިރީގައި އޮންނަ އިންނަފުށި ރަނގަޅަށް ނުބެލެހެއްޓޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލައަށް ހައްލެއް ގެނެސް، އެ ރަށް ރަނގަޅަށް ބަލެހެއްޓި، އަދި އެ ރަށުން އެކަށީގެންވާ އާމްދަނީއެއް ފުޅަދުއަށް ލިބޭނެ ގޮތަށް އޭގެން ފައިދާވާނެ ގޮތަށް ލިބޭނެ ގޮތެއް ހަމަޖެހިގެން ދިއުމަކީ ރަށުގެ ރައްޔިތުން އަދި ކައުންސިލުން ވެސް އެދޭ ކަމެއް ކަމަށެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ ރަނގަޅު މެނޭޖްމަންޓު ޕްލޭނެއް ކައުންސިލާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީއާ ދޭތެރޭގައި ހެދި، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ރަނގަޅު މެނޭޖަމްނޓު ޕްލޭނަކާ އެކީގައި އިންނަފުށި މި ރަށުގެ ކައުންސިލާ އަޅުގަނޑުމެން ހަވާލުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަނގަޅު މެނޭޖްމަންޓު ޕްލޭނެއްގެ ތެރެއިން ތަފްސީލުތައް ހިމެނޭނެ ކަމަށެވެ. އެގޮތުން އިންނަފުށި ބަލަހައްޓާނެ ގޮތާއި، އާމްދަނީ ލިބޭނެ ގޮތާއި، ކައުންސިލަށް އޭގެން އާމްދަނީ ލިބޭނެ މިންވަރާއި، އިންސައްތަ އާއި އޭގެ ތެރެއިން ދައުލަތުގެ މާލިއްޔާއަށް އޭގެން ޖަމާކުރަން ޖެހޭނީ ކިހާ އިންސައްތައެއްކަން ތަފްސީލުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ މާ ލަސްތަކެއް ނުވެ، މި ދަތުރަށްފަހު އެ މަސައްކަތް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ ދާދި އަވަހަށް މިކަން ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުޅަދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއާއި ކުޅިވަރުގެ ވަސީލަތްތަކެއް ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ ފުޅަދޫން ބޭރު މީހުންނަށް އެކޮމޮޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު