ބޫލް ބުލައްޔާ 3 ކާމިޔާބުވުމަށްފަހު، ކާރްތިކް އާރްޔަންއަކީ މިހާރު ފިލްމުތައް ހޮވުމުގައި ވަރަށް ބުއްދިވެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ އެކްޓަރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އަންނަނީ ތަފާތު ޖޯންރާތަކުގެ ފިލްމުތަކަށް، ގާބިލު ޑިރެކްޓަރުންނާއެކު ފުރުސަތު ހޯދަމުންނެވެ.

މިހާރު އޭނާގެ ދެ ފިލްމެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއީ ސަމީރު ވިދުވަންސް ޑައިރެކްޓްކުރާ 'ތޫ މޭރީ މެއި ތޭރާ' އާއި އަނޫރާގް ބާސޫ ޑައިރެކްޓްކުރާ، އަދި ނަން އާންމު ނުކުރާ ލޯބީގެ ފިލްމެކެވެ. މި ދެ ފިލްމުވެސް އަންނަ އަހަރު ނެރެން ވަނީ ނިންމައިފައެވެ. މި ދެ ފިލްމުގެ މަސައްކަތް ނިމުމުން، ކާރްތިކް ދެން ފަށާނީ މަޑްރިގްދީޕް ސިންގް ލަންބާ ޑައިރެކްޓްކުރާ 'ނާގްޒިއްލާ' ގެ ޝޫޓިން އެވެ.

ކާރްތިކްގެ ފިލްމުތަކުގެ ލިސްޓަށް އާ ފިލްމެއް އިތުރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 'އަބް ތަކް ޗައްޕަން'، 'ޗަކް ދޭ އިންޑިއާ'، އަދި 'ރޮކެޓް ސިންގް' ފަދަ ފިލްމުތަކުގެ ޑިރެކްޓަރު ޝިމިތު އަމީންއާއެކު ކާރްތިކް ފުރަތަމަ ފަހަރަށް މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.

މަސްދަރުތަކުން ބުނާގޮތުގައި، ކާރްތިކް އާއި ޝިމިތު މިދިޔަ އަހަރު ވަނީ އެކުގައި މަސައްކަތް ކުރުމަށްޓަކައި ގިނަ ވާހަކަތައް ދައްކާފައެވެ. އެހިސާބުން ކާރްތިކް، ޝިމިތުއަށް 'ކެޕްޓަން އިންޑިއާ' ގެ ވާހަކަ ހުށަހެޅުމުން، އެ ޑިރެކްޓަރަށް އެއީ ވަރަށް ހިތްގައިމު ވާހަކައެއް ކަމަށް ފެނުނެވެ. ޝިމިތު ވަނީ 'ކެޕްޓަން އިންޑިއާ' އަށް ވަރަށް ފުރިހަމަ ސްކްރީންޕްލޭއެއް ތައްޔާރުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ. އަންނަ އަހަރުގެ ފުރަތަމަކޮޅު ކާރްތިކް އާއެކު ޝޫޓިން ފަށަން މިހާރު ވަނީ ތައްޔާރުވެފައެވެ.

މި ދެމީހުން އަންނަނީ އިންޑިއާ އަދި މޮރޮކޯގައި 'ކެޕްޓަން އިންޑިއާ' ގެ ޝޫޓިން ހެދުމަށް ރާވަމުން ކަމަށް ހަބަރުތައް ބުނެއެވެ. 'ކެޕްޓަން އިންޑިއާ' ގައި ކާރްތިކް ފެނިގެންދާނީ އެއާފޯސް ޕައިލެޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.