އިންޑިއާގެ ނޫސްވެރިންތަކެއް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރި މައްސަލަ ހޫނުވެއްޖެއެވެ.

މިދިޔަ ހަފުތާގައި އިންޑިއާގެ ނޫސްވެރިންގެ ޓީމަކުން އިސްރާއީލަށް ކުރި ދަތުރެއްގައި ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލުކުރުމުން އިންޑިއާގައި ވަނީ އެޓީމާ ދެކޮޅަށް ފާޑުކިޔަން ފަށައިފައެވެ.

އިންޑިއާގެ އިސް ނޫސްވެރީން ގެންދަނީ އިސްރާއީލަށް ދިޔަ ނޫސްވެރިންގެ ޓީމުން އެ މީހުންގެ ޕްރޮފެޝަނަލް ސްޓޭންޓަޑް އާއި އެތިކްސް މުގުރާލާފައިވާކަމަށް ބުނެފައެވެ.

އިންޑިއާގެ ނޫސްވެރިންގެ ޓީމުން ނަތަންޔާހޫއާ ބައްދަލުކުރި ފޮޓޯތައް އިސްރާއީލުން އާންމުކޮށްފައިވެއެވެ. އެފޮޓޯއިން ފެންނަ އިންޑިއާގެ ނޫސްވެރީންގެ ޓީމުގައި އިންޑިއާގެ ވިއޮން ޓީވީ އާއި ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަދި ޓީވީ ނައިން އާއި އިންޑިއަން އެކްސްޕްރެސް އަދި ރިޕަބްލިކް ޓީވީގެ ނޫސްވެރިން ހިމެނެއެވެ.

އިންޑިއާގެ އެންމެ މަޝްހޫރު ނޫސްވެރިންގެ ތެރޭގައި ހިމެނޭ އެން ރާމް ވަނީ އިންޑިއާގެ ނޫސްވެރިންގެ ޓީމުން ނަތަންޔާހޫ ފަދަ މީހަކާ ބައްދަލުކުރުމަކީ ހުތުރު އަމަލެއް ކަމަށާއި އެއީ ބޮއިކޮޓްކުރަން ޖެހޭ ކަމެއް ކަމުގައި ފާހަގަކޮށްފައެވެ.

އިންޑިއާގެ ނޫސްވެރިންގެ ޖަމިއްޔާ ޕްރެސް ކްލަބް އޮފް އިންޑިއާއިން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ. އެގޮތުން އެޖަމިއްޔާގެ މެންބަރު މަނޯޖް ޝަރްމާ ވަނީ އިންޑިއާއިން ދިޔަ ނޫސްވެރިން ނަތަންޔާހޫއާ ސަލާމްކުރުން ވެސް ހުތުރު ކަމަށް ބުނެފައިވެއެވެ. އަދި އެ މަންޒަރު ފެނުމުން ޝޮކެއް ޖެހުނު ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިންގެ އިތުރުން އިންޑިއާގެ އާންމުން ވެސް ދަނީ އެގައުމުން އިސްރާއީލަށް ގޮސް ނަތަންޔާހޫއާއ ބައްދަލުކުރި ނޫސްވެރިންގެ ޓީމަށް ފާޑުކިޔަމުންނެވެ.