ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރެއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ކޮރަޕްޝަންގައި އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު ހޯދައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަން ހާމަވީ އޮޑިޓް ރިޕޯޓުންނެވެ. އެ މައްސަލަ ބަލައި، މުވައްޒަފުންތަކެއް ވަކިކުރި ނަމަވެސް، މި ހިޔާނާތުގައި އެމްޕީއެލަށް ގެއްލުނު ފައިސާ މިހާތަނަށް ވެސް ހޯދިފައެއް ނުވެ އެވެ.

އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށް ފަހު، ތައްޔާރުކުރި ރިޕޯޓް މިއަދު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހަޒިރުވެ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވަ ކަންކަން:

  • އޮޑިޓް ރިޕޯޓްގައި އެ އޮފީހުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރަން އެމްޕީއެލްއަށް އެންގުން

  • ތެޔޮ ވިއްކާ އަޅަނދުފަހަރު މޮނީޓާ ކުރުމަށް ކެމެރާ ސިސްޓަމްތަކާއި ތެޔޮ ދޫކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ލައިވް ރިޕޯޓް ނެގޭ ގޮތަށް ހަދަން އެންގުން
  • ބާޖުތަކުގައި ހުންނަ ތެޔޮ ޓޭންކްތަކުގެ ތެލުގެ މިންވަރު ލައިވްކޮށް އެނގޭނެ ގޮތަށް 45 ދުވަސް ތެރޭގައި ހެދުން
  • އެމްޕީއެލަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް އަވަސްކޮށް، އެކަމުގައި ޕީޖީ އޮފީހުންނާއި ކޯޓުތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލީ ރިޕޯޓެއް މަޖިލީހަށް ހުށަހަޅަން އެންގުން.
  • އެމްޕީއެލްގެ އެތެރޭގެ މާލީ މުއާމަލާތްތައް ހިންގުން ހަރުދަނާކުރަން އެންގުމާއި އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް އެންގުން.

  • މާލެ ސަރަހައްދުން ތެޔޮ އުޅަނދުތައް ބޭރުވުމަށް ފަހު ވެސް އެ އުޅަނދުތައް މޮނިޓާ ކުރެވޭނެ ސިސްޓަމްތައް ތިން މަސް ތެރޭގައި އުޅަނދުތަކުގައި ގާއިމް ކުރަން އެންގުން.

ކޮމިޓީގެ މި ރިޕޯޓާ މެދު މަޖިލީހުގެ ތަޅުމުގައި މިއަދު މެންބަރުން ވަނީ ބަހުސްކުރައްވައިފަ އެވެ. ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން ވަނީ އެމްޑީޕީގެ ސަރުކާރުގައި މިފަދަ ގިނަ ހިޔާނާތުގެ މައްސަލަތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޕީއެލްގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކުރުމަށްފަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލުން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 8،855،601 ލީޓަރު (90،808،560 ރުފިޔާގެ) ޑީސަލް ގަނެފައިވާ ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން 2،824،288 ލީޓަރުގެ ޑީސަލް ނުވަތަ އެ މުއްދަތުގައި އެމްޕީއެލުން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓަށްވާ ޑީސަލް، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުން ނުކޮށް ގެއްލިފައިވާ ކަމަށާއި އެ ޑީސަލްގެ އަގަށް 28،316،141 މިލިއަން ރުފިޔާ އަރާ ކަމަަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.