އިނގިރޭސި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާކޮށްފިއެވެ.
އެމްއޭސީއެލުން މިއަދު ބުނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި އެ ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސިވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށެވެ.
އެއީ ރާއްޖޭގައި ގާއިމުކޮށްފައިވާ އިނގިރޭސި ހައިކޮމިޝަނާއެކު މިއަހަރުގެ މެއި މަހުގައި ބޭއްވި ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން އެ ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބް އެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލައާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިންނާއި އިނގިރޭސި ހައިކޮމިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ސަފީރު މުހައްމަދު ތައުފީގް ވައްހާބް ވިދާޅުވީ، ބޭރު ގައުމުތަކުގައި އުޅޭ އިނގިރޭސިވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެގޮތުން އެމްއޭސީއެލްއަށް މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖެއަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު ފޯރުކޮށްދިން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރު ވެގެންދާނެ، މިއީ އެމްއޭސީއެލް އާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް" އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވިދާޅުވިއެވެ.
އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަކުރުމަށް އެމްއޭސީއެލުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވައިފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓާ ގާތްކަމާއި ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.
ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ އެމްއޭސީއެލުން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް