އިންޑިއާގެ ކުޅަދާނަ ފަންނާނުންގެ ތެރޭގައި ހިމެނޭ ސާނިޔާ މަލޯތުރާ އަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ. އޭނާގެ ތިން ފިލްމު ކަމަށްވާ 'ޖަވާން'، 'ކަތަލް'، އަދި 'ސޭމް ބަހާދުރް' އަށް 71 ވަނަ ނޭޝަނަލް ފިލްމް އެވޯޑްސްގައި ބޮޑެތި އެވޯޑުތައް ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ސާނިޔާ ބުނީ އެއީ ނާދިރު ކަމެއް ކަމަށާއި، މި ކާމިޔާބީން އޭނާއަށް އަމިއްލަ ނަފްސުގެ އިހުސާސްތަކަށް އިތުބާރު ކުރުން ކިހާ މުހިންމުކަން ވަރަށް ބޮޑަށް ހަނދާންކޮށްދީފައިވާ ކަމަށެވެ.

'ކަތަލް' އަށް ބެސްޓް ހިންދީ ފީޗާ ފިލްމްގެ ގައުމީ އެވޯޑު ލިބުނުއިރު، 'ޖަވާން' އިން ޝާހުރުކް ޚާނަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބިފައިވެއެވެ. އަދި 'ސޭމް ބަހާދުރް' އަށް ގައުމީ، އިޖުތިމާއީ، އަދި ތިމާވެށީގެ އަގުތައް ކުރިއެރުވުމަށް ބެސްޓް ފީޗާ ފިލްމްގެ އެވޯޑު ލިބިފައިވެއެވެ. 'ކަތަލް' ގެ މައިގަނޑު ރޯލު ކުޅުނު ސާނިޔާ ބުނި ގޮތުގައި، މި ފިލްމަށް އެވޯޑު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ފަދަ ކަމެކެވެ.

އެވޯޑުތަކަކީ ފަންނާނެއްގެ އަގު ކަނޑައަޅާ ކަމެއް ނޫން ކަމަށް އޭނާ ދެކެ އެވެ. ނަމަވެސް، ގައުމީ އެވޯޑަކީ ވަރަށް ހާއްސަ މަގާމެއް އޮންނަ އެވޯޑެއް ކަމަށާއި، އެއީ ގައުމުން ފަންނާނެއްގެ މަސައްކަތަށް ދޭ ގަދަރެއް ކަމުން، އެއީ ވަރަށް ބޮޑު ކަމެއް ކަމަށް ސާނިޔާ ފާހަގަކުރިއެވެ.