''ފަލަސްތީނު އެކްޝަން'' މުޒާހަރާއިން 200 މީހުން ހައްޔަރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ގައި އިއްޔެ ކުރިޔަށް ދިޔަ ''ފަލަސްތީނު އެކްޝަން'' މުޒާހަރާ ހުއްޓުވައި އެމުޒާހަރާގައި ބައިވެރިވި 200 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ލަންޑަންގެ ފުލުހުން ވަނީ ބުނެފައެވެ.

ދަ މެޓްރޯޕޮލިޓަން ފުލުހުން ބުނީ އިއްޔެ ކުރިޔަށް ދިޔަ އެމުޒާހަރާ އަކީ އެގައުމުގެ ''ފަލަސްތީނު އެކްޝަން'' ގުރޫޕުން އިންތިޒާމު ކުރި މުޒާހަރާއެއް ކަމަށާއި އެގުރޫޕަކީ މިދިޔަ މަހު އިނގިރޭސި ސަރުކާރުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ގުރޫޕެއް ކަމަށެވެ.

އޮފިޝަލުން ވަނީ ޔޫކޭގެ ގާނޫނުގައިވާގޮތުން ''ފަލަސްތީނު އެކްޝަން'' ގުރޫޕަށް ތާއީދުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އަދަބެއްގެ ގޮތުން 14 އަހަރުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.

ޔޫކޭގައި އިޒްރޭލާ ދެކޮޅަށް އެކި ގުރޫޕުތަކުން ދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ.