ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސަށް އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީއޭގެ ނާއިބު ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި އައްބާސް ވިދާޅުވެއްޖެއެވެ.
އަައްބާސްގެ އެކައުންޓުން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ "ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށައަޅަން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.
މި މައްސަަލަ އުފެދުނީ، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ތެރޭގައި ކޯޅުން ބޮޑުވެފައިވާ ކަމަށް، ވިދާޅުވެ އައްބާސް ދެއްކެވި ވާހަކަތަކާ ގުޅިގެން އެވާހަކަ ދޮގުކޮށް ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އައްބާސަށް ދެމުން ގެންދިޔަ ރައްދުގެ ތެރެއިންނެވެ.
އައްބާސްއަށް އިންޒާރު ދިން ކަމަށް ބުނާ ޕޯސްޓަކީ، ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަގާމުގައި ހުރި އަސްއަދު ސައީދު ފޭސްބުކްގައި ލިއުނު ޕޯސްޓެކެވެ.
އައްސަދުގެ ޕޯސްޓްގައި ލިޔެފައިވަނީ "ދަލު ބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަފުޅަށް އަރުވާލެވިގެން ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ގޭގައި ފިލައި އޮންނަވަން ޖެހިވަޑައިނުގަންނަވަނީސް އަމިއްލަފުޅަށް ތިމާގެ އަސްލު ސައިޒަށް ތިރިވެލައްވާ،"
އެ ޕޯސްޓްގައި ވާ ކުރެހުމުގައި ވަނީ އައްބާސް ޑަސްބިނެއްގެ ތެރެއަށް ލުމަށްފަހު، އައްބާސްގެ ބޮލާދިމާލުން މަތީގައި ޑިލީޓް ބަޓަނެއް ހިމެނޭ ކުރެހުމެކެވެ.
ޕީއެންސީ މަޖިލިސް މެންބަރުންގެ ތެރޭގައި ކޯޅުން އޮތްކަން ހާމަކޮށް މީގެ ކުރިން އައްބާސް ކުރި ޕޯސްޓްގައި ވިދާޅުވީ 14 ވަރަކަށް ޕީއެންސީ މެންބަރުން ޕާޓީ ދޫކޮށްލާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު