ފަލަސްތީނުގެ ގާޒާ ހިފައި، އެ ސިޓީގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމައިފިއެވެ.

އިޒްރޭލުގެ ކެބިނެޓުން ރޭ ބޭއްވި ބައްދަލުވުމުގައި ހަމާސްއާ ހަނގުރާމަކޮށް، ގާޒާ ހިފުމަށް ހުށަހެޅީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހޫއެވެ.

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ގިނަ ވަގުތުތަކަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި ގާޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކަމަށްބުނެ ފަސް ކަމެއް ވަނީ ނިންމައިފައެވެ.

ކެބިނެޓުން ނިންމި ކަންތައްތައް:

  • ހަމާސް އަތުން ހަތިޔާރުތައް އަތުލުން
  • އިޒްރޭލުގެ އަސީރުން މިނިވަންކުރުން އަދި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުން
  • ގާޒާގެ މިލިޓަރީ ފޯސްތައް ހުއްޓުވައި ހަތިޔާރުތައް އަތުލުން
  • ގާޒާގެ ސެކިއުރިޓީ ކޮންޓްރޯލު ހޯދުން
  • ހަމާސް ނުވަތަ ފަލަސްތީނު ދައުލަތުގެ ބައިވެރިވުމެއް ނެތި ގާޒާގައި ވަކި ވެރިކަމެއް ހިންގުން

ނެތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުގެ މިލިޓަރީން ގާޒާ ހިފުމުގެ މަސައްކަތް ފަށައި، ހަނގުރާމައިގެ ސަރަހައްދުގެ ބޭރުގައި ދިރިއުޅޭ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ގާޒާ ހިފައި، އެ ސިޓީގައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުން ނިންމި ނިންމުމާ ގުޅިގެން ގިނަ ގައުމުތަކަކުން ދަނީ އެ ނިންމުމާ ދެކޮޅަށް ވާހަކަދައްކަމުންނެވެ. ގިނަ ގައުމުތަކުން ސިފަކުރާ ގޮތުގައި އިޒްރޭލުގެ އެ ނިންމުމަކީ ވަރަށް ގޯސް ނިންމުމެކެވެ.