ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ އުފުލާ އުޅަނދުފަހަރު މޮނީޓާ ކުރުމަށްޓަކައި، އެކަމަށް ބޭނުންވާ އޮޓަމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމްތައް ގާއިމުކުރަން އެ ކުންފުންޏަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މިގޮތަށް ފާސްކުރީ، އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒަފުންތަކެއް ކޮރަޕްޝަން ހިންގާފައިވާ މައްސަަލަ ދިރާސާކުރުމަށްފަހު، އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެންނެވެ.

އެކަމުގައި 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ހިންގާފައިވާކަން ހާމަވީ އޮޑިޓް ރިޕޯޓުންނެވެ.

އެކަމުގައި ހިމެނޭ ބައެއް ފަރާތްތަކަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާ އިރު، އެ ހިޔާނާތުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކޮށް، އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން މިއަދު ވަނީ ރެކޮމެންޑޭޝަންތަކެއް ފާސްކޮށްފައެވެ.

އެގޮތުން އެފްއެސްއެމް އިން ތެޔޮ ވިއްކި ޓްރާންސްސެކްޝަންތައް ބަލައި އުސޫލާ ހިލާފު ކަމެއް ހިނގާފައިވޭތޯ ބަލައި ކުންފުނީގެ ރިސްކް މެނޭޖްމަންޓް ޕްރޮސެސް އަދި އިންޓާނަލް ޕްރޮސެސް ހިމެނޭހެން ކުންފުނީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްއަށް އެންގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.