މިއަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ އިން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގައި ހަދާފައިވާ ގުދަނުގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ޔުމްނުގެ ބަޔާން އަދިވެސް ތަހުގީގަށް ނެގިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ އައިޖީއެމްއެޗުންނެވެ. އެފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާ ގެންގޮސް އެކޮޅުން ވަނީ އޭނާގެ ސާޖަރީއެއް ހަދައި އިތުރު ފަރުވާތަކެއްދީފައެވެ. ޔުމްނުއަށް އިތުރު ފަރުވާ ދިނުމުގެ ގޮތުން އޭނާ މެލޭޝިއާއަށް ގެންގޮސްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 27 ވަނަ ދުވަހުގައެވެ.

ފުލުހުން މިއަހަރުގެ މޭމަހުގެ ނުވަވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރެވި، ފުލުހުން ސީންއަށް އެޓެންޑުވި ހިސާބުން ފެށިގެން ވެސް އޭނާގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެ ފުރުސަތު ހޯދުމަށް މަސައްކަތްކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުންނާއި އިތުރު އެކި ސަބަބުތަކާ ހުރެ، އަންހެން މީހާއާ ސުވާލުކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިނުވާ ކަމަށާއި އެކަން މަގުފަހިވިހާ އަވަހަކަށް ތަހުގީގުން ޔުމްނުއާ ސުވާލުކުރަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ.

އެފަހުން މިއަދު ތަހުގީގަށް ޔުމްނުގެ ބަޔާން ނަގައިފައިވޭތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ޔުމްނުގެ ބަޔާން އަދި ނުނެގޭ" ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދައުވާވެސް ކުރަން ވަނީ ފޮނުވައިފައެވެ. ދައުވާކުރަން ފޮނުވި އިރު ފުލުހުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ. ޔުމްނުއަށް އެހީތެރިކަން ފޯރުކޮށްނުދިން ކަމަށް ބުނެ ރައުދުގެ މައްޗަށް ވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ ކޮށްފައެވެ.

ފުލުހުން ވަނީ ރައުދު ހިމެނޭހެން ޔުމްނު ވެއްޓުނުރޭ އޭނާއެެކު އުޅުނު ހުރިހާ މީހުންގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ. އަދި ވަނީ އެ މީހުންގެ ބަޔާން ތަހުގީގަށް ނަގައިފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާ ގޮތާ މެދު ޔުމްނުގެ އާއިލާއިންނާއި ގިނަ ޒުވާނުންތަކެއް ކަންބޮޑުވުން ފާޅުކޮށް، މުޒާހަރާކުރަން ފެށުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ.

ރިޔާސީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ރައީސް މުއިއްޒަށް ފޮނުއްވި ރިޕޯޓު ރައީސް އޮފީހުން ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އާންމުކޮށްފައެވެ. އަދި އެ ފަހުން ރައީސް ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ.