ރައީސް ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންނެވި އިރު، އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

މިއީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރެއްވި ހަތަރުވަނަ ނުރަސްމީ ދަތުރުފުޅެވެ. ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.

އެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ ފަސްވަނަ ދުވަހުއެވެ.

މިިދިޔަ އަހަރުގެ އޯގަސްޓު 27ގައި ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން 30 އޮކްޓޯބަރު 2023 ގައި އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 4 ނޮވެމްބަރު 2023 ގައެވެ.