ވޭޕާ ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 22 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ އެ ޖޫރިމަނާގެ ޖުމުލަ 127،000 ރުފިޔާއަށް އަރާ ކަމަށެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

އެހެންކަމުން ވޭޕް ބޭނުންކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ގާނޫނުގައި ވަނީ ހިމަނައިފައެވެ.

އެ ގާނޫނުގެ ދަށުން މިދިޔަ ޖުލައި މަހު ކުރި ޖޫރިމަނާގެ ތަފާސްހިސާބު ފުލުހުން ވަނީ އާންމުކޮށްފައެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ވޭޕުކޮށްގެން ކުރި ޖޫރިމަނާ 62،000 ރުފިޔާއަށް އަރާ އިރު، ވޭޕު ވިއްކައިގެން ނުވަތަ ގަނެގެން ކުރި ޖޫރިމަނާގެ އަދަދު 7،000 ރުފިޔާއަށް އަރައެވެ. އަދި ވޭޕު ގެންގުޅެގެން ކުރި ޖޫރިމަނާގެ އަދަދު 58،000 ރުފިޔާއަށް އަރައެެވެ.

ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެއެވެ.