ރަޝިޔާގެ އަލިފާން ފަރުބަދައެއް 500 އަހަރު ފަހުން ގޮވައިފިއެވެ.

ރަޝިޔާގެ އިރުމަތީ ކަމްޗަޓްކާގައި އޮންނަ ދަ ކްރަޝެނިންކޮވް ނަމަކަށް ކިޔާ އެފަރުބަދަ ގޮވާފައިވާ އިރު އެކްޕާޓުން ވަނީ އެއީ ދާދިފަހުން އެސަރަހައްދަށް އައި ބިންހެލުމުގެ ސަބަބުން ގޮވި ގޮވުމެއް ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އެފަރުބަދަ ގޮވުމުގެ ސަބަބުން ހަ ކިލޯމީޓަރު އުހަށް އަޅި ބުރައިގެން ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ފަރުބަދަ ގޮވުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނުރައްކަލެއް ފާހަގަވެފައި ނުވާ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އަލިފާން ފަދުބަދަ ގޮވުމަށްފަހު އެސަރަހައްދަށް ހަތް މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ރެކޯޑުކުރެވިފައިވާ އިރު އެސަރަހައްދުގެ ބައެއް ރަށްތަކަށް ސުނާމީގެ އިންޒާރު ވެސް ދީފައިވެއެވެ.

މިދިޔަ ހަފުތާގައި ރަޝިޔާ ސަރަހައްދަށް އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެފަރުބަދަ ގޮވުން އެކަށީގެން ވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ކުރިޔަށް އޮތް ހަފުތާތަކަށް ބޮޑު ބިންހެލުމުގެ ސަބަބުން ކުދި ލޮޅުން އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

500 އަހަރު ފަހުން ގޮވި އެފަރުބަދަ އެންމެ ފަހުން ގޮވާފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ 15 ވަނަ ގަރުނުގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.