މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިދުމަތްތައް ފަސޭހަކުރުމަށްޓަކައި، ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އެތަނުުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕް ނުވަތަ މަގުޗާޓެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ހަސަން ޒަރީރު މިހެން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ހަސަން ޒަރީރު ވިދާޅުވީ، ދައުލަތުގެ ޓެކްސް އިދާރާ، ގައުމީ ހިދުމަތުގައި 15 އަހަރު ފުރިހަމަކޮށް 16 ވަނަ އަހަރަކަށް ކުރިމަތިލާ އިރު، އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޓެކުހާ ގުޅޭ އިލްތިމާޒްތައް އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ފަދަ އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށްވެސް ތައާރަފުކޮށް ޓެކްސް ދައްކާ ފަރާތްތަކާއި މީރާގެ ސިސްޓަމުތައް ގުޅުވާލައި، ޓެކުހާ ގުޅޭ އިލްތިމާޒްތައް އަދާކުރުން އިތުރަށް ފަސޭހަ ކޮށްދިނުމަކީ މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މީރާއަަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
މީރާގެ އާމްދަނީގެ ގޮތުގައި 2011 ވަނަ އަހަރު ލިބިފައިވަނީ 4.56 ބިއަޔަން ރުފިޔާ ކަމަށާއި އެހެންނަމަވެސް މި އަދަދު 2024 ވަނަ އަހަރު 28.10 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި މިއަދު މީރާއަކީ ދައުލަތުގެ 82.5 އިންސައްތަ އާމްދަނީ ބަލައިގަންނަމުންދާ މުއައްސަސާ ކަމަށް ވެސް ޓެކްސް ކޮމިޝަނަރު ވިދާޅުވިއެވެ.
ކޮމިޝަނަރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޓެކްސް ނިޒާމަށާއި ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ހޯދިފައިވުމަކީ މީރާއަށް ހާސިލުކުރެވިފައިވާ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. އެގޮތުން މި ކާމީޔާބީގެ ފަހުތުގައި ވަނީ އެ އިދާރާ ހިންގެވުމުގައި ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުންދާ މީރާގެ ކޮމިޝަނަރުންނާއި މީރާގެ އިސްވެރިންނާއި، މީރާގެ ހީވާގި މުވައްޒަފުންނާއި ޓެކްސް ދައްކާ ފަރާތްތައް ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)