ސުލްހަވެރިގޮތެއްގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މަރުހަބާ ވިދާޅުވެފައިވަނީ، ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު، "ނިއުޔޯކް ޑެކްލެރޭޝަން" ބަލައިގަތުމާ ގުޅިގެން، އެ މަނިކުފާނު މިރޭ ނެރުއްވި ބަޔާނެއްގައެވެ.
"ޖުލައި 28 އިން 30 އަށް، ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގައި، އދ ގައި ކުރިއަށްގެންދިޔަ 'ހައި-ލެވެލް އިންޓަނޭޝަނަލް ކޮންފަރަންސް ފޯ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްތީން އެންޑް ދި އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން' ގެ ނަތީޖާ ކަރުދާސް ކަމުގައިވާ، ސުލްހަވެރިގޮތުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާއި ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމާ ގުޅޭ ގަރާރު 'ނިއުޔޯކް ޑެކްލެރޭޝަން' ބަލައިގަތުމަކީ އަޅުގަނޑުގެ ސަރުކާރުން މަރުހަބާ ކިޔާ ކަމެކެވެ..،" ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "ނިއުޔޯކް ޑެކްލެރޭޝަން" އަކީ، ފަލަސްތީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތަށާއި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށާއި، އެ ދައުލަތަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން ދޭ އެއްބާރުލުމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށެވެ.
އެއީ އިސްރާއީލުން ފަލަސްތީނަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތްތަކެއް ހޯދައިދިނުމުގައްޔާއި، ފަލަސްތީނުގެ އިގުތިސާދީ ގާބިލުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެއްބާރުލުން ދިނުމަށް، ބައިނަލްއަގުވާމީ މައިދާނުން އެކަށައެޅި ވަރުގަދަ އިލްތިޒާމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް ހިމެނޭހެން، ބައިނަލްއަގުވާމީ އާނޫނުތަކާއި އދ.ގެ ގުޅުންހުރި ގަރާރުތަކާ އެއްގޮތްވާގޮތުގެ މަތިން ފަލަސްތީނުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު