ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށްބުނެ އިންޒާރުދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.

ފޭސްބުކް މެދުވެރިކޮށް ރައީސަށް އެ އިންޒާރުދީފައިވަނީ، "މަސީޙް މޫސާ"ގެ ނަމުގައި ބޭނުންކުރާ އެކައުންޓަކުންނެވެ. އޭނާ އެ ޕޯސްޓު ލިޔެފައިވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާކުރުމަށް ރައީސް އެންގެވި ހަބަރެއް ޝެއާ ކުރަމުންނެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސޯޝަލް މީޑިއާގައި ރައީސަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަމުންގެންދާ ކަމަށެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސަށް އިންޒާރު ދިން މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ. ނަމަވެސް އެ ތަހުގީގު ކުރިއަށްދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.