ޅ. ނައިފަރު ފެން ޕްލާންޓުގައި ފިރިހެނުން ބޭނުންކުރާ ފާހަނައިގައި ކެމެރާ ހަރުކުރި މައްސަލައެއް ބަލައި، ތުހުމަތުކުރެވޭ މީހަކު ދެނެގަނެވޭ ގޮތް ނުވުމުން، ފުލުހުން މައްސަލަ ފައިލްކޮށްފިއެވެ.

ނައިފަރުން މިރޭ "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނީ ކެމެރާ ހަރުކޮށްފައި ހުރީ ޕަވާބޭންކަކާ އެކީގައިކަން އެނގިފައިވާ ކަމަށާއި އެއީ ޔޫއެސްބީކޮށް ރެކޯޑުކުރާ ކެމެރާއެއް ކަމަށެވެ. އަދި ސިންކު އަތްދޮންނަ ތަށިދަށުގައި ކެމެރާ ހަރުކޮށްފައި ހުރިކަން ފާހަގަވުމުން، އެ ކެމެރާ ފެނުނު މީހާ ފުލުހުންނަށް ރިޕޯޓުކުރި ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މިއަދު "ވަން"އަށް ބުނީ ނައިފަރު ފެން ޕްލާންޓުގެ ފިރިހެނުން ބޭނުންކުރާ ފާހަނާގައި ކެމެރާއެއް ހަރުކޮށްފައިވާ މައްސަލަ މިއަހަރު މެއި މަހުގެ ނުވަވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް އަދި ބަލަންޖެހޭ އެހެނިހެން ކަންކަން ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް މިހާތަނަށްވެސް އެނގިފައިނުވާތީ މިދިޔަ ޖޫން މަހުގެ 30 ގައި އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދަރުއުކުރާ ބައެއް ޕޯސްޓުތަކުގައި ބުނާގޮތުން، އެ ކެމެރާ ފެނިފައިވަނީ ނައިފަރު ފެން ޕްލާންޓުގައި މަސައްކަތްކުރާ މީހަކަށެވެ. އެ ކެމެރާ ފެނިގެން އެ މުވައްޒަފު މައްސަލަ ރިޕޯޓުކުރުމުން، ހުރިހާ މުވައްޒަފުން ހާޒިރުކޮށް، މުވައްޒަފުންގެ ފޯނުތައް ބެލިބެލުމުން ކެމެރާއާ ގުޅުންހުރި އެޕްލިކޭޝަން އަޅާފައިވާ މީހާ ފެނިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.

ނަމަވެސް އެކަން ކޮށްފައިވަނީ ނައިފަރު ފެން ޕްލާންޓުގެ އިސް މަގާމެއްގައި ހުރި ފަރާތަކާ އާއިލީ ގުޅުންހުރި މީހަކަށްވުމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަނީ ކަމަށްވެސް ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ބުނެފައިވެއެވެ.