ގައުމީ އެއާލައިން، މޯލްޑިވިއަން އަށް 3.6 މިލިޔަން ރުފިޔާ ދައްކަން އިދިކޮޅު އެމްޑީޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ޕާޓީން ކުރި ކެމްޕެއިން ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ މައްސަލައެކެވެ.

އެފައިސާ ދެއްކުމުގެ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެމްޑީޕީއާ ދެމެދު މިދިޔަ އަހަރު ސެޓްލްމަންޓް އެއްބަސްވުމެއް ހެދިއެވެ. އެއީ ކޮންމެ ހަ މަހަކުން ދައްކަމުން ގޮސް 2027 ވަނަ އަހަރުގެ ކުރިން އެފައިސާ ދައްކާ ނިންމާ ގޮތަށެވެ.

ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް މި އަހަރު ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އައިލެންޑް އޭވިއޭޝަނުން އެ ހުރިހާ ފައިސާއެއް އެއްފަހަރާ ހޯދަން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން ދެ މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށެވެ.

ނަމަވެސް ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކެނީ އެ ޕާޓީއަށް ދައުލަތުން ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނާ ކަމަށްވެސް ހުކުމްގައިވެއެވެ. އަދި އެ ފައިސާ ދައްކަން އިތުރު ފުރުސަތަކަށް އެމްޑީޕީން އެދުނު ނަމަވެސް އައިލެންޑް އޭވިއޭޝަނުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ސެޓްލްމަންޓް އެއްބަސްވުން ބާތިލްކޮށް، އެމްޑީޕީން ނުދައްކާ އޮތް 3.6 މިލިއަން ރުފިޔާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކަން އެމްޑީޕީއަށް އަންގާ ކަމަށް ވެސް ހުކުމްގައިވެއެވެ.