ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން، ޖަޕާނުގެ އެކި ސަރަހައްދުތަކަށާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފިއެވެ.
ޔޫއެސްޖީއެސްއިން ބުނި ގޮތުގައި މި ބިންހެލުން އައީ ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ހުންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށެވެ. އަދި އެ އެ ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 3-4 ސެންޓިމީޓަރު ހުރި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ސުނާމީގެ ފުރަތަމަ ރާޅުތައް އަރާފައިވަނީ ޖަޕާނުގެ އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. ނަމަވެސް އެންއެޗްކޭއިން ބުނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށެވެ.
އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރަޝިއާގެ އެމެޖެންސީ މިނިސްޓްރީން ބުނިގޮތުގައި އެގައުމުގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށެވެ.
މިއީ 2011 ގައި ޖަޕާނުގެ އިރުމަތީ އުތުރުގައި އައި 9.0-9.1 ގެ ބިންހެލުމަށްފަހު އައި އެންމެ ވަރުގަދަ ބިންހެލުމެވެ.
ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ސުނާމީގެ ނުރައްކާ އޮތް ކަމަށް އިއުލާންކޮށް، އެ ސަރަހައްދުގެ ގަވަރުނަރު ވްލަދިމިރް ސޮލޮޑޮވް ވަނީ ރައްޔިތުންނަށް ގޮނޑުދޮށާ ދުރުގައި ތިބުމަށް އިރުޝާދު ދެއްވައިފައެވެ.
އޮތޯރިޓީތަކުން ބުނާ ގޮތުގައި ކަމްޗަޓްކާގެ ޔެލިޒޮވޯ ޑިސްޓްރިކްޓްގައި 3-4 މީޓަރުގެ ސުނާމީ ރާޅެއް ރެކޯޑްކުރެވިފައިވެއެވެ.
ސޮލޮޑޮވް އާ ހަވާލާދީ ރިޕޯޓުތައް ބުނިގޮތުގައި މިހާތަނަށް ވަނީ ކުދި ކުދި ގެއްލުންތަކެއް ރިޕޯޓްކުރެވިފައެވެ.
ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނާ ގޮތުގައި ޖަޕާނުގެ ޕެސިފިކް ސަރަޙައްދަށް ސުނާމީގެ އިންޒާރު ދީފައިވާ އިރު، ލޯކަލް ގަޑިން 10 އާއި 11 އާ ދެމެދު 1 މީޓަރުގެ ރާޅު އެރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެ އިދާރާއިން ވަނީ އެ ސަރަހައްދުގައި އުޅޭ އާންމުންނަށް ގޮނޑުދޮށާ ދުރުގައި ތިބުމަށް އިރުޝާދު ދީފައެވެ.
"ފުރަތަމަ ލިބުނު ބިންހެލުމުގެ މިންގަނޑުތަކަށް ބަލާއިރު، ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތް،" ޕެސިފިކް ސުނާމީ ވޯނިންގ ސެންޓަރުން ބުނެފައިވެއެވެ.
ހަވާއީ ޖަޒީރާތަކަށް ސުނާމީ ވޮޗެއް އަދި އެލާސްކާގެ އެލިއުޝަން ޖަޒީރާތަކުގެ ބައެއް ސަރަޙައްދުތަކަށް ސުނާމީ އެޑްވައިޒަރީއެއް ދީފައިވެއެވެ.
ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން އިރުމަތީ އޭޝިޔާއިން ފެށިގެން ދުރަށް އިންޒާރު ދިނެވެ.
އެމެރިކާގެ ހަވާއީން ސުނާމީ އިންޒާރުގެ ސިސްޓަމް ވެސް މިހާރު ވަނީ އެކްޓިވޭޓްކޮށްފައެވެ. އަދި އިރުއޮއްސުމުގެ ކުރިން އެ ރާޅުތައް އަންނާނެ ކަމަށް ލަފާކޮށް ގޮނޑުދޮށް ސަރަހައްދުތަކުން މީހުން ބަދަލުކުރުމަށް ވަނީ އެދިފައެވެ.
އެމެރިކާގެ ކެލިފޯނިއާ، އޮރެގަން، ވޮޝިންގްޓަން، އެލާސްކާ އަދި ބްރިޓިޝް ކޮލަމްބިއާގައި ސުނާމީ އެޑްވައިޒަރީ ވަނީ ނެރެފައެވެ. މި ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 1 މީޓަރަށްވުރެ ދަށުގައި ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވަރުގަދަ ކަނޑު އޮއިވަރާއި ގޮނޑުދޮށާއި ބަނދަރުތަކުގައި ނުރައްކާތެރި ހާލަތްތައް ކުރިމަތިވެދާނެ ކަމަށް އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ.
އޭގެ އިތުރުން ގުއާމް، ޕަލާއު، ފިލިޕީންސް އަދި ޕޮލިނޭޝިއާގެ ބައެއް ސަރަހައްދުތައް ފަދަ ޕެސިފިކްގެ ޖަޒީރާ ގައުމުތަކަށް ވެސް ވަނީ ސުނާމީގެ އިންޒާރު ދީފައެވެ.
މި ބިންހެލުމަށްފަހު ރެކްޓާ މިންގަނޑުން 7.0 އަށްވުރެ މަތީ އާފްޓަޝޮކްތަކެއް އައިސްފައިވެއެވެ. އިތުރު ބިންހެލުންތަކާއި ދެވަނަ ސުނާމީ ރާޅުތައް އައުމުގެ ފުރުސަތު އޮތް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
އާއިޝަތު މާހާ
ބިންހެލުން
ބިންހެލުން
ބިންހެލުން
ބިންހެލުން