ބޮޑުކުރި މުސާރަ ހަމައަށް ނުދޭ ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުދޭ ކަމަށްބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކުރުމުން، އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް، ބޮޑުކުރި މުސާރަ ފުލުހުންނަށް ދެމުންދަނީ އެއްވެސް އުނިއިތުރެއް ނުގެނެެސް ކަމަށެވެ.

"ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަކީ، އާންމު ފުލުހުންނާ ހިލާފަށް، އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހެދޭ އެއްބަސްވުމެއްގެ ދަށުން ދެވޭ ހިދުމަތެކެވެ. އެހެންކަމުން، ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓުގެ ދަށުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލުކުރަމުން،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުންގެންދާ ކަމަށެވެ.

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަކި ޓްރޭނިންއެއް ހެދުމަށްފަހު، އެ ފުލުހުންގެ ފުރަތަމަ މަސައްކަތަކީ ބައެއް ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމެވެ.