ބާޒާރުން ފިޔާ ލިބުން ދަތިވެ، އަގު 100 ރުފިޔާއިން މައްޗަށް އަރައިފައިވާތީ އަގު ކޮންޓްރޯލުކުރުމަށް، ފިޔާގެ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު މިރޭ "ވަން"އަށް ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ޝިޕްމަންޓު ރާއްޖެ ގެނައުމަށް އަދި ވަގުތު ނަގާނެ ކަމަށެވެ.
ފިޔާގެ ޝިޕްމަންޓް ރާއްޖެ އެތެރެކުރެވުނުހާ އަވަހަކަށް، ފިޔާގެ އަގު ކޮންޓްރޯލުކޮށް އެ ކުންފުނިން ބާޒާރަަށް ފިޔާ ނެރޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގެންނަނީ ކިހާ އަދަދެއްގެ ފިޔައެއްް ކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.
މާލެ ފިހާރަތަކުގެ އިތުރުން ހުޅުމާލެ، ވިލިމާލެ ހިމެނޭހެން މި ސަރަހައްްދުގެ ވިޔަފާރިތަކުން ވިއްކާ ފިޔާ ކިލޯއެއްގެ އަގު ވަނީ 100 ރުފިޔާއިން މައްޗަށް އަރައިފައެވެ.
"ވަން"އަށް އެނގިފައިވާގޮތުގައި ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި ފިޔާ ވަނީ އެއްކޮށް ހުސްވެފައެވެ. އަދި އެ ފިހާރަތަކަށް ފިޔާ ލިބޭނެ ވަކި ދުވަހެއް އެނގިފައެއް ނުވެއެވެ.
އެސްޓީއޯއިން އާންމުކޮށް ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި ގިނަ އަދަދަކަށް އެތެރެކުރަނީ ރޯދަމަހަށް ހާއްސަކޮށެވެ. އެހެެންނަމަވެސް ބާޒާރުގައި އެ ތަކެތި ލިބުން ދަތި ހާލަތްތަކުގައި އެ ކުންފުނިން އަބަދުވެސް އަގު ކޮންޓްރޯލުކުރަން އިތުރު ޝިޕްމަންޓްތައް ގެންނަމުންދެއެވެ.
ފާތިމަތު ލިއުޝާ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ