ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އަހުމަދު މުބީން އިސްތިއުފާދެއްވައިފިއެވެ.

އާރުއޭސީއެލުން މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ، މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައި މުބީން، އެ ކުންފުންޏަށް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މުބީން އިސްތިއުފާދެއްވާފައި މިވަނީ، އެ ކުންފުނި އުވާލައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްލެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

ސަރުކާރުން އާރުއޭސީއެލް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލްގެ ދަށަށް ގެނައުމަށް ނިންމުމާ ގުޅިގެން އާރްއޭސީއެލުން މިހާރު އަންނަނީ އެ ކުންފުނި އުވާލުމަށް ލިކުއިޑޭޝަން ޕްރޮސެސް ކުރިއަށްގެންދަމުންނެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، އެމްއޭސީއެލް އާއި އާރުއޭސީއެލް އެއްކޮށްލަން ސަރުކާރުން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

އާރުއޭސީއެލްއަކީ ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހިންގާ ކުންފުންޏެކެވެ. އާންމުކޮށް ފެންނަން ހުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ސަރުކާރުގައި، 2023 ވަނަ އަހަރުވެސް އެ ކުންފުންޏަށް ވަނީ 95 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.