ދެ ގައުމުގެ ގުޅުމަށްވުރެ ބޮޑަށް ސްރީލަންކާއަކީ ދިވެހީންގެ ދެވަނަ ގައުމުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑިސަނަޔެކެގެ މި ދަތުރުފުޅަކީ ތާރީހީ އަދި ކަންކަން ހާސިލުވެގެންދާނެ ދަތުރުފުޅަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

28 ޖުލައި 2025، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ޝަރަފުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖާފަތުގައި އެ މަނިކުފާނު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

"ލަންކާއާއެކު އޮތީ ހަމައެކަނި އަވަށްޓެރި ގުޅުމެއް ނޫން. މިއީ އިތުބާރު ގާއިމުވެފައިވާ، އެތައް ޒަމާނެއްގެ ގުޅުމެއް. ޕާޓްނާޝިޕްތަކަށްވުރެ ލަންކާއަކީ ދިވެހީންގެ ދެވަނަ 'ހޯމް'. ލަންކާގެ ރައްޔިތުން ވެސް ދިވެހީންނަށް ހާއްސަ މެހެމާންދާރީއެއް އަދާކުރޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލަންކާއާއެކު މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރެވިފައިވާ ކަމަށާއި އެގޮތުން ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ހިއުމަން ރިސޯސްގެ ދާއިރާ ހިމެނޭ ކަމަށެވެ. އަދި އެހެނިހެން ދާއިރާތަކުން ވެސް ގުޅުން ބަދަހިވަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާ ދަންނަވައިފައެވެ. އެއަށްފަހު ރައީސް އޮފީހުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.