ރާއްޖެ އާއި ސްރީލަންކާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން، ރައީސް އޮފީހުގައި މިއަދު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ރައީސް ވިދާޅުވީ މިއަދު ސޮއިކުރެވުނު ދެ އެއްބަސްވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ތަހުގީގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ތަހުގީގުތަކަށް ލަސްތަކެއް އަންނަ އައުމަށް ހައްލު ލިބިގެންދާނެ ކަމަށާއި ޑިޕްލޮމެޓުންނާ ގުޅޭ އެއްބަސްވުމުގެ ދަށުން ޑިޕްލޮމެންޓުންނަށް ތަމްރީނުގެ ފުރުސަތުތައް ދެވި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މޫސުމީ ބަދަލުތަކަކީ ދެ ގައުމަށް ވެސް އޮތް ގޮންޖެހުމެއް. ތިމާވެއްޓަށް ކުރާ އަސަރުތަކަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ވާނީ މަޝްވަރާކޮށްފައި. ގާތްގުޅުމެއް އޮންނަ ރަހުމަތްތެރި ދެ ގައުމުގެ ގޮތުގައި ރާއްޖެ އާއި ލަންކާއިން ވާނީ ބައިނަލްއަގުވާމީ މައިދާނުގައި ވެސް އެކުގައި މަސައްކަތްކުރެވިފައި. ޕާޓްނާޝިޕް ވަރުދަކޮށް، ދެ ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަރަހައްދީ އަދި ބައިނަލްގުވާމީ ފޯރަމްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް އަޅުގަނޑުމެން ވާނީ އެއްބާރުލުން ދޭން މަޝްވަރާކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ރައްޔިތުންނާ ގުޅޭގޮތުން އަދި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވާހަކަދެކެވިފައިވާނެ ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ލަންކާގެ ރައީސް ޑިސަނަޔެކެ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި މިއަދު ހަވީރު ވަނީ އެ މަނިކުފާނަށް ރަސްމީ މަރުހަބާ ދަންނަވައިފައެވެ. އެއަށްފަހު ރައީސް އޮފީހުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފައެވެ.

ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ، އިނގިރޭސީންގެ ކިބައިން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ގައެވެ. މިއަހަރަކީ، ރާއްޖެ އާއި ލަންކާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.