އެންމެ ފަހުގެ ވަސީލަތްތަކާއެކު އައިނު ނަމްބަރު ނެގޭ ގޮތަށް، އައިޖީއެމްއެޗްގައި "އެމްސީޖީއެޗް އޮޕްޓިކަލްސް"ގެ ނަމުގައި އައިނު ފިހާރަ ހުޅުވައިފިއެވެ.

ހެޔޮ އަގުގައި އައިނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް އައިޖީއެމްއެޗްގައި އައިނު ފިހާރަ ހުޅުވާފައިވަނީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުއްވައިދެއްވީ ރައީސް މުއިއްޒެވެ. އެއަށްފަހު ރައީސް ވަނީ އެމްސީޖީއެޗް އޮޕްޓިކަލްސް ބައްލަވައިލައްވައި، އެ ފިހާރައިން ހިދުމަތް ހޯދި ފުރަތަމަ ތިން މީހުންނަށް އައިނު ހަވާލުކޮށްދެއްވައިފައެވެ.

27 ޖުލައި 2025، އައިޖީއެމްއެޗްގެ އައިނު ފިހާރަ، "އެމްސީޖީއެޗް އޮޕްޓިކަލްސް" އިން ހިދުމަތް ހޯދި ފުރަތަމަ ތިން މީހުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައިނު ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެމްސީޖީއެޗް އޮޕްޓިކަލްސްގައި އެންމެ ފަހުގެ އެޑްވާންސް މެޝިނަރީތައް ގާއިމުކުރެވިފައިވާ ކަމަށާއި އެ މެޝިންތަކުން ގްލައުކޯމާއަށް ވެސް ޓެސްޓުކުރެވޭނެ ކަމަށެވެ. އަދި އާސަންދައިގައި ހިމެނޭ 2،000 ރުފިޔާގެ ތެރެއިން ކޮންމެ ރައްޔިތަކަށް ވެސް ހިލޭ އައިނު ހެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފިހާރައިން ހެޔޮ އަގުގައި ނަމްބަރު އައިނު ހެއްދުމުގެ އިތުރުން ނަމްބަރު ނެގުމުގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށާއި އަންނަ މަހު ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވައި، އެއަށްފަހު ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކުގައި ވެސް އައިނު ފިހާރަތައް ހުޅުވާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

އައިނު ފިހާރަތައް ހުޅުވުމުގެ އިތުރުން ރައީސް ވަނީ ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000 ރުފިޔާ ލިބޭ ގޮތަށް މިދިޔަ މަހުން ފެށިގެން ހަމަޖައްސަވައިފައެވެ. ކުރިން އާސަންދަ އިން ނަމްބަރު އައިނު ހައްދަން ލިބެނީ 1،000 ރުފިޔާއެވެ.