މާލޭގެ ވަށައިގެން އޮންނަ ބޭރު ތޮށި މަރާމާތު ކުރުމަށް ޖަޕާނު ސަރުކާާރުން 10.5 މިލިއަން ޑޮލަރު ދޭން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 'އެކްސްޗޭންޖު އޮފް ނޯޓްސް'ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އެ ގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.
ޖަޕާނު އެމްބަސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއަކީ 1987 އިން 2006 އަށް ކުރިއަށް ގެންދެވުނު "މާލޭގެ ސީވޯލް އެޅުމުގެ މަޝްރޫއު" ގެ ފޮލޯއަޕް މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ސަބަބުން 2004 ވަނަ އަހަރު އިންޑިއާ ކަނޑުގައި އައި ސުނާމީގެ ކާރިސާއިން މާލެއަށް ވަރަށް ބޮޑަށް ރައްކާތެރިކަމެއް ލިބިފައިވާ ކަމަށް ޖަޕާން އެމްބަސީން ފާހަގަކުރެއެވެ.
ރާއްޖޭގެ ހައުސިން މިނިސްޓްރީއާ ގުޅިގެން ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އިން ކުރިއަށްގެންދާ މި ފޮލޯއަޕް މަޝްރޫއުގެ ދަށުން މާލޭގެ އިރުމަތި އަދި އުތުރު ފަރާތުގެ ބޭރު ތޮށި އާކޮށް، ޒަމާނީކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފައެވެ. އަދި އޭގެ އިތުރުން، މާލޭގައި ވާރޭފެން ހިންދުމަށް ބޭނުންވާ ހާއްސަ އާލާތްތައް ޖަޕާނު ސަރުކާރުން ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.
އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ތަރައްގީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ތިމާވެށި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން އަދި ކާރިސާތަކުން ރައްކާތެރިވުމަށް އިސްކަމެއް ދެއެވެ.
އަދި ޖަޕާނު ސަރުކާރުން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީ އިތުރަށް ހަރުދަނާކުރުމަށް ދެމިހުންނާނެކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ.
އާއިޝަތު މާހާ
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު