ގައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނީ އެންމެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ޖީލާ ހިސާބަށް މިނިވަންކަން އައިސްފައި މިވަނީ އިހުގެ ޖީލުގެ މީހުން އެ ފަރުދީ ޒިންމާ އަދާކުރުމުގެ ސަބަބުން ކަމަށެވެ.

"އެންމެންގެ ވެސް ފަރުދީ ޒިންމާއެެއް، މި ގައުމީ ބުރަ މަސައްކަތް އަމާނާތްތެރިކަމާ އެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން. އެ ކަން ކުރާނީ ވަކި އެވެނި މީހެކޭ އަޅުގަނޑުމެން އެކަކަށް ވެސް ނުބުނެވޭނެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ. އެ ނޫން ގޮތަކަށް މިނިވަންކަން ދެމިނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

"އެކި މީހުން އެކި ދިމާއަށް ވިސްނުން ބަހައްޓައިގެން ގައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި ގައުމީ ލޯބީގައި މި ދެންނެވި ވިސްނުމުގައި ކުރިއަށްދާ ހިނދު އެކަނި ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ،"

ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ގައުމުގެ ތަރައްގީއަށް އެހީ ހޯދި ނަމަވެސް އެ މަނިކުފާނު އަބަދު ވެސް އިސްކުރައްވާނީ ދިވެހިން ކަމަށެވެ. އެއީ އެ މަނިކުފާނު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގެންގުޅުއްވާ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.