ތައިލެންޑާއި ކެމްބޯޑިއާ ސުލްހަ ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތް ސޯޝަލް ނެޓްވޯކުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ކެމްބޯޑި އާއި ތައިލެންޑު ސަރުކާރުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރުގެ އަރިހުން ތައިލެންޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރާ ވެސް ވާހަކަ ދެކެވުނު ކަމަށް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު ތައިލެންޑަށް ނިސްބަތްވާ ސިފައިންގެ މީހަކަށް ބޯޑަރު ސަރަހައްދުން މައިނަކަށް އެރި ގޮވުމުގެ ސަބަބުން އެމީހާގެ އެއް ފައި ބުރިވި މައްސަލައަށްފަހު ދެ ގައުމުގެ ދެމެދު މަޝްރަހު ހޫނުވެ ބަރުހަތިޔާރުން ވަނީ ހަމަލާދޭން ފަށައިފައެވެ.

ދެ ގައުމުން ވެސް ވަނީ ހަމަލާތައް އަމާޒުކޮށްފައިވަނީ އާންމުންނަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މީގެ އިތުރުން ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.