ރާއްޖޭގެ ބައިނަލްއަގުވާމީ އެެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ޓާމިނަލް ހުޅުވައިދެއްވީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ރައީސުން އަދި އެހެނިގެން ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އާ ޓާމިނަލް ހުޅުވާފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކުއެވެ.
ތިން ބުރީގެ ބިޔަ އެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމްލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ.
އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނައިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.
އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެކަން ކުރަނީ ކެނެޑާގެ މޮޑަލިސް ކޮންސަލްޓެންސީގެ އެހީގައެވެ.
މި ޓާމިނަލާއެކު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެއެވެ. އާ ޓާމިނަލުން ރާއްޖޭގެ އިގްތިސޯދަށް "ބޫސްޓެއް" ލިބޭއިރު، ވަޒީފާގެ އެތައް ފުރުސަތެއްވެސް ފަހިވެގެންދާނެއެވެ. ބައިގަރުނަށްފަހު، ދިވެހިންގެ މައި ދޮރާއްޓަށް މިއަންނަ ބޮޑު ބަދަލަކީ ޖީލުތަކަށް ދެމިގެންދާނޭ މުހިންމު ބަދަލެކެވެ.
އާ ޓާމިނަލް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެތަން ބޭނުންކުރާނީ ގައުމީ ވައިގެ ދަތުރުފަތުރުގެ ކުންފުނި، މޯލްޑިވިއަން އިންނެވެ.
އެހެނިހެން އެއަރލައިންތަކުގެ މަސައްކަތްތައް އާ ޓާމިނަލަށް ބަދަލުކުރުމަށް ރޭވިފައިވަނީ މައިގަނޑު ދެ މަރުހަލާއަކަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގެ ގޮތުގައި ޖުލައި އަދި އޮގަސްޓް މަހު ތެރޭގައި އާ ޓާމިނަލަށް ބަދަލުކުރެވޭނީ ގިނަ ވަސީލަތްތަކެއް ބޭނުން ނުކުރާ ކުދި އެއާލައިންތަކުގެ ހިދުމަތްތަކެވެ.
ދެ ވަނަ ފިޔަވަހީގެ ދަށުން ބަދަލުކުރަން ފަށާނީ ސެޕްޓެމްބަރުގައެވެ.
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.
އާއިޝަތު މާހާ
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް