ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިދިކޮޅު އެމްޑީޕީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މޯދީ ހުންނަވާ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އެމްޑީޕީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރީޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މޯދީ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާ އާއި ދިވެހިރާއްޖޭގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެ ފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

ދެގައުމުން ހިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭ ކަމަށް ވެސް ވިދާޅުވިއެވެ.

މޯދީ މިއަދު ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް ބައްދަލު ކުރައްވައިފައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި މޯލްޑިވްސް ނެޝަނަލްޕާޓީ (އެމްއެންޕީ) ގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެ ޕާޓީތަކުގެ އިސްބޭފުޅުންނާ ވެސް މޯދީ ވަނީ ބައްދަލު ކުރައްވައިފައެވެ.

ރައީސުލްްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މޯދީ އިއްޔެ ރާއްޖެ ވަޑައިގެންނެވީ، މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.