ނިއުކްލިއާ ވާހަކަތަކަށް ޔޫރަޕްގެ ގައުމުތަކާއި އިރާނު އެއް މޭޒަކަށް އެއްވެ މަޝްވަރާތައް ފަށަައިފިއެވެ.

އިރާނުގެ ނިއުކްލިއާ ސައިޓުތަކަށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކަށްފަހު ފުރަތަމަ ފަހަރަށް އިރާނުގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްފަރާތްތަކުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ބައްދަލުކޮށްފައިވަނީ ޔޫކޭ އާއި ޖަރުމަނު އަދި ފްރާންސްގެ ފަރާތްތަކާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫރަޕްގެ ތިން ގައުމަކުން އިރާނާ އެކު ބައްދަލުވުން ބާއްވައި ނިއުކްލިއާ މަޝްވަރާތައް ކޮށްފައިވާއިރު މިތިން ގައުމުން މީގެ ކުރީން ވަނީ އަންނަ އޮގަސްޓުގެ ކުރިން ނިއުކްލިއާ މައްސަލައިގައި އިރާނުން މަޝްވަރާ ނުކޮށްފިނަމަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

މި ބައްދަލުވުމުގައި، އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު، ކާޒެމް ގަރިބަބާދީ ވިދާޅުވީ ސީރިޔަސް އަދި ފުރިހަމަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެ މަޝްވަރާތައް އިތުރަށް ކުރިޔަށް ގެންދާންވެސް އެއްބަސް ވެފައިވާ ކަމަށެވެ.