މޯހިތު ސޫރީގެ ފިލްމު 'ސައިޔާރާ'ގެ ޓައިޓަލް ޓްރެކް 'ސައިޔާރާ' ސްޕޮޓިފައިގެ ގްލޯބަލް ޓޮޕް 50 ޗާޓުގެ ގަދަ 10 އަށް އަރައިފިއެވެ.

ހަނުމަންކައިންޑްގެ 'ބިގް ޑޯގްސް' ފަދަ އިންޑިއާގެ އެހެން ލަވަތައްވެސް ކުރީން މި ލިސްޓަށް އަރާފައި ވީނަމަވެސް، މިއީ ބޮލީވުޑްގެ ލަވަޔަކަށް ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. މިކަމުގެ ސަބަބުން ބިލީ އައިލިޝް، ލޭޑީ ގާގާ، ބްރޫނޯ މާސް އަދި ސަބްރީނާ ކާޕެންޓަރ ފަދަ މަޝްހޫރު ފަންނާނުންގެ ލަވަތައްވެސް ވަނީ ފަހަތަށް ޖެހިފައެވެ.

މީގެ އިތުރުން 'ސައިޔާރާ' ގެ ހުރިހާ ހަ ލަވައެއްވެސް ސްޕޮޓިފައިގެ އިންޑިއާ ޓޮޕް 50 ޗާޓުގެ ގަދަ 10 ގައި ހިމެނިފައިވެއެވެ. މި ލަވަތައް ކޮމްޕޯޒްކޮށްފައިވަނީ ޓަނިޝްކް، ފަރީމް އަދި އާރްސްލާން އެވެ.

މި ފިލްމު ވަނީ ރިލީޒް ކުރިތާ ހަތަރު ދުވަސްތެރޭ 100 ކްރޯޑް ރުޕީސް ހޯދައި، މިހާރު 150 ކްރޯޑް ރުޕީސް ފަހަނައަޅައިފައެވެ.