ޕްރޮޑިއުސަރޫ، އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާގެ އެންމެ ފަހުގެ އުފެއްދުން "ސޮރީ" މި މަހުގެ 17 ވަނަ ދުވަހު ތިއޭޓަރުތަކުގައި ދައްކަން ފަށާނެއެވެ.
މި ފިލްމުގެ މައިގަނޑު ދައުރުތަކުގައި ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އެވެ. މީގެ އިތުރުން އީސާ ޝަރީފް، ޝީލާ ނަޖީބު، އަހުމަދު އީސާ، އަލީ ޝަމާލް، ވާސިޔާ މުހައްމަދު، އައިޝާ އަލީ އަދި މޫސާ އަލީފްގެ އިތުރުން ނަހުލާގެ ދަރިފުޅު ލަޔާލީ އަދި މާމަ ދަރިފުޅު އެވެލީ ވެސް ފިލްމުން ފެނިގެންދާނެއެވެ.
ނަހުލާގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ޓްރެއިލާ ވަނީ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. ފިލްމުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޓްރެއިލާ އަޕްލޯޑްކުރިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި 100,000 އަށްވުރެ ގިނަ ފަހަރު ބަލާފައިވެއެވެ. މިހާރު މި އަދަދު ތިން ލައްކައިން މައްޗަށް އަރާފައިވެއެވެ.
ފިލްމާ ގުޅޭ ގޮތުން ނަހުލާ ބުނެފައިވަނީ ޓިކެޓު ވިއްކުން ފޯރިއާއެކު ކުރިއަށްދާ ކަމަށާއި، މިހާރު 13 އަދި 14 ވަނަ ޝޯގެ ޓިކެޓް ވިކެމުން އެބަދާ ކަމަށެވެ. އަދި ފިލްމަށް މިހާތަނަށް އެއްވެސް ދިވެހި ފިލްމަކަށް ނުލިބޭ ވަރުގެ ތަރުހީބެއް ލިބެމުން އަންނަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެގޮތުން މި ފިލްމު މިހާތަނަށް ރެކޯޑު އަދަދަކަށް ބަލާފައިވާ ފިލްމު "ޔޫސުފް" (ސިނަމާގައި 50 ޝޯ ދައްކާފައިވާއިރު) ގެ ރެކޯޑު ފަހަނައަޅައިދާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް ނަހުލާ ވަނީ ބުނެފައެވެ.
ނަހުލާ 'ސޮރީ' ސިފަކޮށްފައިވަނީ ހަނދާނުން ފޮހެލަން ދަތިވާނެ ފިލްމެއްގެ ގޮތުގައެވެ. އޭނާ ބުނީ މިއީ ރޮމޭންސް ބަލައިލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެއް ކަމަށާއި ފިލްމުގައި އިންތިހާއަށް އަސަރުކުރުވާ ފަދަ މަންޒަރުތަކާއި ހިތް ކުދިކުދިކޮށްލާ ފަދަ އަސަރުތަކާއި، ކަރުނަ ހިފަހައްޓައި ނުލެވޭ ފަދަ ވަގުތުތަކާ ކުރިމަތިވާނެ ކަމަށެވެ.

ދިވެހި ފިލްމު
ދިވެހި ފިލްމު
ދިވެހި ފިލްމު
ދިވެހި ފިލްމު