އަމާޒު ހިފާފައިވާ ގޮތަށް 2040 ވަނަ އަހަރާ ހަމައަށް ދާއިރުގައި އެންމެ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ، ރާއްޖެއަކީ އެންމެ ތަރައްގީވެފައި އޮތް ގައުމެކޭ ބުނެވޭ ފެންވަރަށް ހުރިހާ ކަމެއް ވެސް ތަރައްގީކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެން އެންމެން މިއަދު ވަރަށް މުހިންމު ނިންމުންތަކެއް ނިންމައިގެން އެއް ވިސްނުމަކަށް އައިސްގެން ނޫނިއްޔާ ނުކުރެވޭނެ ކަމެއް. މިފަދަ ރަށްރަށުގައި މިފަދަ މުހިންމު މަޝްރޫއުތައް ހިންގައި، މުޅި ރާއްޖޭގެ ރައްޔިތުން ވެސް އެއް ވިސްނުމެއްގައި އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދިޔައީމާ ހާސިލުވާން ހުރި ކަންކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަންކަން ކުރުމުގައި ގައުމުގައި ހަމަޖެހުން އޮތުން ވަރަށް މުހިންމު ކަމަށާއި މިއަދު މި ގައުމުގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް އޮތް ކަމަކަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ދިޔަ އިރުގައި، ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ބޭފުޅަކަށް ވެސް އެއީ އެއްބަސްވެވޭނެ ހަގީގަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ކުރީގެ ކޮންމެ ޒަމާނެއްގައި ވެސް ފެނިފައިވަނީ އަވަސް އަރުވާލައިގެން އެންމެ ފުރަތަމަ ކުރާ ކަމަކަށް، އެ ސަރުކާރަކާ އިދިކޮޅު ސިޔާސީ މީހުންނަށް އެކި ކަހަލަ އަދަބުތައްދީ، ޖަލަށް ލައި، ކަންތައްތައް ކުރުން. އަބަދުވެސް ވިހަ ސިޔާސީ އޮއިވަރެއްގައި ގައުމު ޖައްސާފައި އޮތީ، މިއަދަކު އެކަމެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވިހަ އޮއިވަރެއްގައި ޖައްސަން މަސައްކަތް ކުރިޔަސް، އެ މަނިކުފާނު އެ ފުރުސަތު ނުދެއްވާ ކަމަށާއި އެ ފުރުސަތު ނުދިނީމާ ވިހަ ނުކުރެވޭ ކަމަށެވެ. އަދި އެންމެންގެ ވިސްނުމަކަށް ވާންވީ ގައުމުގައި ހަމަޖެހުން ބާއްވައިގެން އެއް މިސްރާބެއްގައި ކުރިއަށްދިއުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.