ކޮންމެ ސިޔާސީ ފިކުރެއްގެ މީހެއް ކަމަށްވިޔަސް، އެމީހަކީ އެ މަނިކުފާނަށް މުހިންމު މީހަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ، ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑަށް ވަރަށް މުހިންމު ރައްޔިތެއް މުހިންމު މީހެއް ކަމަށާއި ހުރިހާ ދިވެހި ރައްޔިތުން އެ މަނިކުފާނަށް ހަމަހަމަ ކަމަށެވެ.

"ކޮންމެ ދިވެހި ރައްޔިތަކު، ކޮންމެ ސިޔާސީ ފިކުރެއްގައި ހުއްޓަސް އެ ދިވެހި ރައްޔިތެއް، އެ ބޭފުޅަކު ވިދާޅުވާ ބަހެއް، ކުރައްވާ ކަމެއް، ވިސްނަވާ ގޮތެއް އަޅުގަނޑަށް މުހިންމު. އެ ރައްޔިތެއްގެ ސިއްހަތު އަޅުގަނޑަށް މުހިންމު. އެހެންވީމާ ކިތަންމެ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ ބޮޑު ސިޓީއެއްގައި ހުއްޓަސް، އެ ރައްޔިތަކަށް ހަމަހަމަކަމާއެކީގައި ހިދުމަތްދިނުމުގެ ސިޔާސަތެއް ތަންފީޒުކުރެވޭތޯ މި ބަލަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު މަސައްކަތް ގެންދެވީ އެ ވިސްނުންފުޅު ގެންގުޅުއްވައިގެން ކަމަށާއި ވިސްނާލައިފި ކޮންމެ މީހަކަށް ވެސް އެކަން ސާފުވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ފަހުރުވެރިވޭ އަޅުގަނޑުމެންނަށް މިގޮތަށް ކަންކަން ތަންފީޒުކުރުމުގައި ރައްޔިތުންގެ ކިބައިން އެ އެއްބާރުލުން ދެއްވަމުން ގެންދާތީ، އެގޮތަށް އެ މަސައްކަތް ކުރެވޭތީ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި މިކަންކަމުގެ ފޮނިމީރުކަން އަޅުގަނޑުމެންނަށް އިހުސާސްވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަށް ހަގީގީ ތަރައްގީ ގެނެވޭނީ އެންމެ އެއް މިސްރާބަކަށް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށާއި އެކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.