މި ސަރުކާރުން ތަންފީޒު ކުރަނީ އަޅުދާސްވާން ނުޖެހި، ތަރައްގީ ގެނައުމުގެ ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު މިރޭ ވިދާޅުވީ، ތަންފީޒުކުރަނީ އިގުތިސާދީގޮތުން ވައްޓާލާފައި އޮތް އަނދަވަޅުން ނަގައި، ގައުމު ދަރަނިވެރި ނުވެ، ފައިސާ ޗާޕު ނުކޮށް ހުރިހާ ކަމެއް ރައްޔިތުންނަށް ކޮށްދިނުމުގެ ސިޔާސަތު ކަމަށެވެ.

"އެއްވެސް ބަޔަކަށް އަޅުގަނޑުމެން އަޅުދާސްވާން ނުޖެހި، ދިވެހިރާއްޖޭގެ ފަހުރުވެރިކަން، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޔަގީންކަމާއެކު އަބަދުމެ އިހުސާސްވާ ފަހުރުވެރި ދިވެހި ގައުމެއްގެ ގޮތުގައި ކުރިއަށްގެންގޮސް، އަޅުގަނޑުމެން ބޭނުންވާ ގޮތަށް ފަރުދީގޮތުންނާއި މުޖުތަމައެއްގެ ގޮތުގައި، ގައުމެއްގެ ގޮތުގައި މުއްސަނދިކަމާއި ތަރައްގީ ގެނެސްދިނުމުގައި ސިޔާސަތެއް މި ތަންފީޒުކުރަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަރައްގީއަކީ ހަމައެކަނި ލޮލުން ފެންނަ މިހެން ހުންނަ އިމާރާތްތައް ނޫން ކަމަށާއި ސިކުނޑީގެ ތަރައްގީ އާއި ވިސްނުމުގެ ތަރައްގީ އާއި އުޅުންތަކާއި ގުޅުންތަކަށް އަންނަން ޖެހޭނެ ތަރައްގީ އާއި ދިވެހީންނަކީ ކޮން ބައެއްކަން އަބަދުވެސް ހަނދާން ވާން ޖެހޭނެ ކަމަށެވެ.

ތަންފީޒުކުރަނީ ދިވެހީންނަކީ އިސްލާމުން ކަމުގައިވާތީ މާތްވެގެންވާ އިސްލާމްދީނުގައި ވަރުގަދައަށް ސާބިތުކޮށްގެން ތިބި، އެ ދީނުގެ ހަމަތަކާއި ގޮތްތައް ފުރިހަމައަށް އަމަލާއި ބަހުން ރެއާއި ދުވާލު ދައްކުވައިދޭ ބައެއްގެ ގޮތުގައި، ވަށާ ޖެހޭ ތަރައްގީއެއް ހާސިލުވެފައި އޮތް ގައުމަކަށް ހެދުމުގެ ސިޔާސަތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.