ކޭ ޕާކް ރެސިޑެންސީސް މަޝްރޫއާ ގުޅިގެން ދިގުލައިގެން ގޮސްފައިވާ އަދި ހައްލު ނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ގެދޮރުވެރިކަމާބެހޭ ކޮމެޓީއަށް ފޮނުވައިފިއެވެ.

އެ ގަރާރު މަޖިލީހުގެ އިއްޔެ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ގަރާރުގެ އިބްތިދާއީ ބަހުސް މިއަދު ނިންމާލުމަށްފަހު ކޮމެޓީއަށް ފޮނުވީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރުގައި މެންބަރު ކުޑޫ ވިދާޅުވީ އަމިއްލަ ކުންފުންޏަކުން ފެށި ކޭ ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓު ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، ގިނަ ބަޔަކު ޑައުންޕޭމަންޓު އަދި ބައެއް މީހުން އެއްކޮށް ފައިސާ ދައްކާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މާލީގޮތުން އެމީހުންނަށް ގެއްލުން ވެ، އެ ފައިސާ އެ މަޝްރޫއުގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އެހެން މަޝްރޫއަކުން ފްލެޓު ގަތުމުގެ ފުރުސަތު ބަންދުވެފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ، ފްލެޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި އޮތުމަކީ އެހެން ފްލެޓެއް ނުލިބޭނެ ސަބަބެއް ކަމަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ޝަރުތެއް ގޮތުގައި ކަނޑައަޅާފައިވާތީ އެމީހުންނަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުން ފްލެޓު ގަތުމުގެ ފުރުސަތުވެސް ގެއްލިފައިވާ ކަމަށެވެ.

އެ ފްލެޓުތައް ހަވާލުކުރުން ލަސްވަމުންދާ ނަމަ ނުވަތަ އެ މައްސަލަ ހައްލު ނުވެ އެތައް ޒަމާނެއް ފާއިތުވެގެންދާނަމަ އެ އާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށެވެ.

އެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެކިފަހަރުމަތިން ސިޓީ ފޮނުވާއި، އިދާރާތަކުގެ ވެރިންނާ ބައްދަލުކޮށް އާދޭސް ކުރާތާ އެތައް ދުވަހެއް ފާއިތުވެދިޔައިރުވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަކީ ސަބަބުން ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ކުށުގެ މާހައުލަށް ލެނބިގެން ގޮސް އެހެނިހެން އިޖުތިމާއީ އެތައް މައްސަލަތަކެއްގެ އަސްލު ކަމަށެވެ.

ކޭޕާކް ރެސިޑެންސީއިން ފްލެޓް ގަތް 50 މީހުން ސޮއިކޮށް ސިޓީއަކާއެކު މިދިޔަ ހަފުތާގައި މަޖިލީހަށްވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.