ޕްލޭނަކީ މި ދެ އަހަރުތެރޭ ވައުދުތަކުގެ އަމަލީ މަސައްކަތް ފެށުން ކަމަށާއި އެއަށްފަހު ދެން އޮންނާނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެ މަސައްކަތްތައް ނިންމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ކެނދިކުޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މި ދެ އަހަރުގެ ބަޖެޓު ޕްލޭންކުރެވިގެންދާނީ އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށް ދެ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ގޮތަށް ކަމަށެވެ.
"ޖުމުލަކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއީ އަޅުގަނޑުގެ ޕްލޭނަކީ. މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އަމަލީ މަސައްކަތް ފެށިގެން މިދަނީ. އަދި ކުރިއަށްއޮތް ހަ މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ފެށޭނެ. ދެން އަންނަ އަހަރު، 2026 ގައި ބާކީ ހުރި ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް ފެށޭނެ. އެއީ ދެ އަހަރަށް އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ. އަމަލީގޮތުން އަޅުގަނޑު ވައުދުވެފައި ހުރި ހުރިހާ މަސައްކަތްތަކެއް، ހުރިހާ ރަށެއްގައި ފެށުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތްތައް ފެށި، 2027 އާއި 2028 ގައި ކުރިއަށްދާނީ އެ މަސައްކަތްތައް ނިންމާލުމުގެ މަސައްކަތް ކަމަށާއި އިގުތިސާދީގޮތުން ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމާއި، އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާނެ ގޮތަށް ޕްލޭންކުރުމާ އެކީގައި ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވާ ކަންކަން ތަރުތީބުކުރައްވާ ކަމަށެވެ.
"ޖުމުލަކޮށް ކުރަން ހުރި ތަރައްގީގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ހުރި ކަންކަމާއި، މި އަންނަ އަހަރަށް އަޅުގަނޑުމެން ތާވަލުކޮށްފައި ހުރި ކަންކަން ކުރިއަށްގެންދާނަން. އިރާދަކުރެއްވިއްޔާ ކެނދިކުޅުދޫ ރައްޔިތުންގެ ތަރައްގީއަށްޓަކައި ސަރުކާރުން ވަރަށް ސަމާލުކަންދީގެން، އަޅުގަނޑު ވެފައިވާ ހުރިހާ ވައުދެއް ފުއްދުމަކީ އިރާދަކުރެއްވިއްޔާ ހަމަ ޔަގީނުން ވެސް ކޮށްދޭނެ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކެނދިކުޅުދުއަށް ވެވަޑައިގެންފައިވާ ވައުދުތަކުގެ އަމަލީ މަސައްކަތްތައް ވެސް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭ ފެށުމަކީ އަމާޒެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު