ނ. އަތޮޅު ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަދި އެ ރަށުގައި އަލަށް އިމާރަތްކުރަން ނިންމާފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ.

ހެނބަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އެ ދެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނބަދޫއަށް ވަޑައިގެން އެ ރަށުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބައެއް ވަޒީރުންނާއި ނ. އަތޮޅުގެ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ހެނބަދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝަހީމު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އާ މިސްކިތް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ ކަމަށެެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 11،616،359.76 ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

އެ މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ލައިބްރަރީއަކާއި ކްލާސްރޫމަކާއެކު އިމާރާތް ކުރާ މިސްކިތެއްކަމަށް ޝަހީމް ވިދާޅުވިއެވެ.