ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމުގެ މަގުސަދަކީ އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށް ބީއެމްއެލުން ބުނެފިއެވެ.
ބީއެމްއެލުން ހުށަހަޅާފައިވާ ގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ކެބިނެޓުން ވެސް މިއަދު ވަނީ ނިންމައިފައެވެ.
ބީއެމްއެލުން މިއަދު ބުނީ އެ އެއްބަސްވުމާއެކު އެސްޑީއެފްސީން ރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ފޯރުކޮށްދޭނީ އިސްލާމިކް ފައިނޭންސިން ހިދުމަތްތައް ކަމަށެވެ.
އެ ޑިޖިޓަލް ބޭންކުގެ އާ ސްޓްރެޓެޖީގެ ދަށުން އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ދެމެހެއްޓެނިވި ވިޔަފާރިތަކާއި އީ-ކޮމާސްގެ ދާއިރާތަކަށް ފައިނޭންސް ފޯރުކޮށްދިނުމަށް އިސްކަންދެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ އެސްޑީއެފްސީ ގަތުމުގެ މަގުސަދަކީ ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި، ފުޅާ ވިއުގައާއި، ކުރިއަރަމުންދާ ޑިޖިޓަލް ބޭންކިން ތަޖުރިބާ ބޭނުންކޮށްގެން ރާއްޖޭގައި އެމްއެސްއެމްއީ ބޭންކިން ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުމަށާއި، ރައްޔިތުން މާލީ ބައިވެރިވުން އިތުރުކޮށް، ދިވެހި އިގުތިސާދަށް ފުދުންތެރިކަން އިތުރުކުރުން ކަމަށެވެ.
އެމްއެސްއެމްއީ ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން އެސްޑީއެފްސީން ހިދުމަތް ދޭނީ ޑިޖިޓަލް ލެންޑިން ޕްލެޓްފޯމް އަދި ޑިޖިޓަލް މާކެޓްޕްލޭސް ފަދަ ހާއްސަ މާލީ ހައްލުތަކާއެކުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެސްޑީއެފްސީން ހިދުމަތް ފޯރުކޮށްދޭ އެމްއެސްއެމްއީ ދާއިރާއަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ، އަދި ހަމައެހެންމެ އިގުތިސާދުގެ ކުރިއެރުމާއި އީޖާދީ ކަންކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ.
"ބޭންކުގެ މި ނިންމުމާއެކު، އިސްލާމިކް ބޭންކިން ހިދުމަތްތައް އަޅުގަނޑުމެންގެ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީ މެދުވެރިކޮށް ރާއްޖޭގެ އެމްއެސްއެމްއީތަކަށް އެންމެ ޒަމާނީ ބޭންކިން ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ހަމަޖެހިފައިވާ އެ ޑިޖިޓަލް ފަސްޓް ސަބްސިޑަރީ މެދުވެރިކޮށް އެސްޑީއެފްސީން ފައިނޭންސް ދޫކުރަމުން އައި ޖުމުލަ ނިސްބަތަށްވުރެ އިތުރަށް ފައިނޭންސް ދޫކުރާނެއެވެ. އަދި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީން އެމްއެސްއެމްއީތަކަށް ދީފައިވާ ފަހި ޝަރުތުތަކާއެކުގައެވެ.
ބީއެމްއެލްގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި މި ސަބްސިޑަރީ މެދުވެރިކޮށް 500 މިލިއަން ރުފިޔާގެ ފައިނޭންސިން ދޫކުރުމެވެ. އޭގެ އިތުރުން، މުޖުތަމައުގެ ތަރައްގީއާއި ދެމެހެއްޓެނިވި ވިޔަފާރީގެ ކުރިއެރުމަށް އެހީތެރިވުމަށްޓަކައި މޯލްޑިވިއަން އިސްލާމިކް ސޯޝަލް ފައިނޭންސިން އިނީޝިއޭޓިވް (އެމްއައިއެސްއެފްއައި) މެދުވެރިކޮށް ތިން އަހަރުގެ ތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެއެވެ.
އެސްޑީއެފްސީގެ ހިންގުމާއި ގަވަނަންސްއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތްތާނގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެސްޑީއެފްސީ ގަތުމަށް ބީއެމްއެލުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުން ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް