މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށްބުނެ ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީސް މީޑިއާގައި ފަތުރަމުންދާ ދޮގު ހަބަރުތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ ވާހަކަތަކެއް ކަމަށެވެ.

"މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި މި ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި މި ކުންފުންޏާ މެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ..،" އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނައުމަށް އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި އެ ކުންފުނިން ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ކުރިއަށް އޮތްތަނުގައިވެސް އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، އެ ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

"މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ..،" އެމްއޭސީއެލްގެ ބަޔާނުގައި ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާއެކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްގެ މުއައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ނުހަނު އިހުލާސްތެރިކަމާއެކު ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.