"ސައްޔާރާ" ފިލްމު އެޅުވި ދުވަހު ގިނަ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މޯހިތު ސޫރީ ޑައިރެކްޓްކޮށް، އަހާން ޕަންޑޭއާއި އަނީތު ޕައްޑާ ފަދަ އާ ތަރީން ފެނިގެންދާ މި މިޔުޒިކަލް ރޮމޭންސް ފިލްމު، އެޅުވި ދުވަހު 21 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދިއެވެ.
މި ފިލްމަށް އެއްވެސް ޕްރޮމޯޝަނެއް ކޮށްފައި ނުވާއިރު، އިންޑިއާގައި 8،000 ޝޯއާ އެކު މި ކާމިޔާބީ ހޯދާފައިވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. 20 ކްރޯޑަށްވުރެ ގިނަ ރުޕީސް ލިބޭ ފިލްމުތަކަށް އާންމުކޮށް 18،000 ޝޯ ބޭނުންވާއިރު، "ސައްޔާރާ"އަށް މި ކާމިޔާބީ ލިބިފައިވަނީ އެއަށްވުރެ މަދު ޝޯއިންނެވެ.
"ސައްޔާރާ"އިން މުގުރާލި ބޮކްސް އޮފީސް ރެކޯޑުތަކުގެ ތެރޭގައި:
- އާ ތަރީންނާއެކު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އޯޕަނިން ޑޭ: ހިންދީ ސިނަމާގެ ތާރީހުގައި އާ ތަރީންނާއެކު އެޅުވި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ އާމްދަނީ ހޯދި ފިލްމަކީ "ސައްޔާރާ"އެވެ. މި ރެކޯޑު މީގެ ކުރިން އޮތީ ޖާންވީ ކަޕޫރާއި އިޝާން ކަތަރުގެ ފުރަތަމަ ފިލްމު "ދަޅަކް"ގެ އެވެ. އެ ފިލްމަށް 8.76 ކްރޯޑް ރުޕީސް ލިބިފައިވެއެވެ.
- 2000 ވަނަ އަހަރަށްފަހު އާ ތަރީންގެ ފިލްމަކުން އެންމެ ގިނަ ޓިކެޓު ވިކުނު ދުވަސް: "ސައްޔާރާ" އަށް އެޅުވި ދުވަހުގެ ކުރީން 9.39 ކްރޯޑް ރުޕީސްގެ ޓިކެޓު ވިކި، 3.8 ލައްކަ ޓިކެޓު އެޑްވާންސް ބުކިންގައި ވިކިފައިވެއެވެ. މި ރެކޯޑު މީގެ ކުރިން އޮތީ ރިތިކް ރޯޝަންގެ "ކަހޯ ނާ… ޕިޔާރް ހޭ" އާއި އަބިޝެކް ބައްޗަން އާއި ކަރީނާ ކަޕޫރުގެ "ރެފިއުޖީ"އަށެވެ.
- ޑައިރެކްޓަރު މޯހިތު ސޫރީގެ ކެރިއަރުގައި އެންމެ ބޮޑު އޯޕަނިން: "ސައްޔާރާ" އިން ލިބުނު 21 ކްރޯޑް ރުޕީސްއަކީ މޯހިތު ސޫރީ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ގިނަ އާމްދަނީ ހޯދި ފިލްމެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2014 ވަނަ އަހަރު ރިލީޒްކުރި "އޭކް ވިލަން" އަތުގައެވެ. އެ ފިލްމަށް 16.70 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މި އަހަރު ރިލީޒްކުރި ބޮޑެތި ފިލްމުތަކުގެ ތެރެއިން އަކްޝޭ ކުމާރުގެ "ސްކައި ފޯސް" (12.25 ކްރޯޑް) އާއި އަޖޭ ދޭވްގަންގެ "ރެއިޑް 2" (19.25 ކްރޯޑް) ފަދަ ފިލްމުތަކުގެ އާމްދަނީވެސް މި ފިލްމުން ވަނީ ފަހަތަށް ޖައްސާލައިފައެވެ.
މި ފިލްމަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވަނީ މާކެޓިން އާއި ޕްރޮމޯޝަންގެ ބަދަލުގައި، ފިލްމުގެ ކޮންޓެންޓްގެ ބާރުން ކަމަށް ހަބަރުތައް ބުނެއެވެ.

ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް