ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސެންޓު ރުފިޔާ އިން ދޭން ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން މި މަހުގެ 26 އިން ފެށިގެން ދަތުރުކުރުން ހުއްޓާލަން ނިންމައިފިއެވެ.
"ވަން" އާ ވާހަކަ ދެއްކި ޓީއެމްއޭގެ ސީނިއާ ޕައިލެޓަކު ބުނީ، ދަތުރުތައް ހުއްޓާލަން ނިންމައި، އެކަން މެނޭޖުމަންޓުގެ ސަމާލުކަމަށްވެސް ގެނެސްފައިވާ ކަމަށާއި ޕައިލެޓުންގެ ޑިމާންޑަކީ އެގްރީމަންޓުގައިވާ ގޮތަށް މުސާރަ ޑޮލަރުން ދިނުން ކަމަށެވެ.
ޓީއެމްއޭއިން ވަނީ މި މަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ 20 ޕަސެންޓު ދޭނީ ދިވެހި ފައިސާއިން ކަމަށް ބުނެފައެވެ. އަދި އަންނަ މަހުން ފެށިގެން މުޅި މުސާރަ އެއްކޮށް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށްވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރެއެވެ.
ޓީއެމްއޭގެ މުވައްޒަފުންގެ މުސާރައިގެ 20 ޕަސަންޓު ރުފިޔާއިން ދޭން ނިންމި އިރު، ރާއްޖޭގެ ބައެއް ރިސޯޓުތަކުންވެސް ވަނީ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ޔުނިވާސަލް ހިމެނެއެެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އިރު، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަކަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަން ޖެހެއެވެ. އަދި ބޭންކުން އެ ބޭރު ފައިސާގެ ވަކި ޕަސެންޓެއް އެމްއެމްއޭ އިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، އެމްއެމްއޭއަށް ވިއްކަންވެސް ޖެހެއެވެ.
- ގިންތިތައް: ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކާއި، ރިސޯޓު ހޮޓާތަކާއި، އެނޫންވެސް އެފަދަ ތަންތަނުން، މިލާދީ މަހެއްގެ ތެރޭގައި އެ އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ، މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-ބީ: ޓޫރިޒަމް އެސްޓޭބްލިޝްމަންޓުގެ ތެރޭގައި ހިމެނޭ، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުން، މީލާދީ މަހެއްގެ ތެރޭގައި އެތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން، އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، ނުވަތަ މީލާދީ މަހެއްގައި ތެރޭގައި އެތަނަކަށް ލިބޭ ބޭރު ފައިސާގެ ގްރޮސް ސޭލްސްގެ 20 ޕަސެންޓް މި ދެގޮތުންކުރެ ގޮތަކަށް ބޭރު ފައިސާ، ބޭންކަކަށް މާރުކުރުން.
- ކެޓެގަރީ-އޭ އާއި ކެޓެގަރީ-ބީ ފިޔަވައި، އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކަށް ފާއިތުވި މީލާދީ އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15،000،000 އެމެރިކާ ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތަށް، މީލާދީ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް ބޭންކަކަށް ރުފިޔާއަށް މާރުކުރުން.
އަލީ ޔާމިން
ޓީއެމްއޭ