މާލެއިން ގެއްލިގެން ހޯދަމުންދާ ގ. ގާރނެޓް ހަސަން ޔާމީން (30އ) އަދިވެސް ނުފެންނަ ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް ފުރައިފައިނުވާކަން ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާކަމަށް މިމަހުގެ 14 ވަނަ ދުވަހުގެ 20:30 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީންގެ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމުން އެކަން ފުލުހުންގެ ކަމާބެހޭ ހުރިހާ ޑިޕާޓްމެންޓުތަކަށާއި ކަމާބެހޭ އެހެނިހެން މުއައްސާސަތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި ތަހުގީގުގެ މަސައްކަތް ފަށައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގުން ވަނީ ހަސަން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާގުޅުންހުރި އިދާރާތަކުން ކަށަވަރުކޮށްފައެވެ. ހަސަން ޔާމީން ހޯދުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން ކުރެވެން ހުރި އެންމެހައި މަސައްކަތްތައް މެދުނުކެނޑި ދަނީ ކުރަމުންނެވެ" ފުލުހުން ބުންޏެވެ.
މައްސަލައާ ގުޅުންހުރި ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އާއިލާގެ އެއްބާރުލުމާއެކު ޔާމީން ދިރިއުޅޭތަން ބަލައި ފާސްކުރި އިރު، ތުހުމަތުކުރެވޭ އެއްވެސްކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް